ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހޭލުންތެރިކަން އިތުރުކުރުމަށާއި، މި ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް މަޝްވަރާކުރުމަށް ކުރިއަށްގެންދިޔަ ޤައުމީ މަހާސިންތާ، “މަގޭ ސާފު ރާއްޖެ” ނިންމާލައިފިއެވެ. މި މަހާސިންތާ ކުރިއަށްދިޔައީ މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހައްދުންމަތީ ގަމުގައެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވި މި މަހާސިންތާގައި، 9 އަތޮޅުގެ 88 ރަށުގެ މަންދޫބުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، އަމިއްލަ ޖަމިއްޔާތަކާއި ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އިސްވެރިން ހިމެނޭ ގޮތަށް ޖުމްލަ 200 މީހުން ބައިވެރިވިއެވެ. މަހާސިންތާގެ ތެރެއިން ބައިވެރިން ވަނީ ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށް ޚިޔާލު ބަދަލުކޮށް، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ތަޖުރިބާތައް ބަދަލުކޮށްފައެވެ. އަދި ކުންޏާ ބެހޭ ޤާނޫނުތަކާއި ސިޔާސަތުތަކަށް އަހުލުވެރިކުރުވުމަށް ޚާއްސަ ސެޝަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ކުންޏާ ބެހޭ ޚާއްސަ ޑޭޓާބޭސް ވެސް ވަނީ އިފްތިތާޙުކޮށްފައެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، “މަގޭ ސާފު ރާއްޖެ” މަހާސިންތާއަކީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ އެންމެ މުހިންމު ބައެއް ކަމަށެވެ. ބައިވެރިވި ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި، މި މަހާސިންތާގެ ސަބަބުން ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް އެދެވޭ ހައްލުތަކެއް ގެނައުމަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

