ހުޅުމާލޭގައި ހުންނަ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިނިވަން ތަޙުޤީޤެއް ފަށާފައިވާކަމަށް ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) އިން ހާމަކޮށްފިއެވެ. މި ޙާދިސާ ހިނގާފައިވަނީ އިއްޔެއެވެ. އަދި މި ޙާދިސާގައި ސްޓެލްކޯގެ މުވައްޒަފަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވީޗް ގިއަރއަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ ތެރޭގައެވެ. އަލިފާނުގެ ސަބަބުން ފިހި އަނިޔާވި މުވައްޒަފަކީ 43 އަހަރުގެ ފިރިހެނެކެވެ. ސްޓެލްކޯއިން ވިދާޅުވީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ ހުރިހާ ކަމެއް އާއިލާއާ ގުޅިގެން އެކުންފުނިން ބަލަމުންދާ ކަމަށެވެ. އަދި މިކަމުގައި ޢާއިލާއަށް އިތުރު ތަކުލީފުތަކެއް ލިބިދާނެ ފަދަ މޭރުމަކުން ޚަބަރުތައް ނުފެތުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ އަނިޔާވި މުވައްޒަފުގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އިތުރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ސްޓެލްކޯއިން ފާހަގަކުރިއެވެ. އަދި މި ޙާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާތީ، އެކަމުގައި ފުލުހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

