ކ. ތުލުސްދޫގައި އިމާރާތް ކުރާ 30 އެނދުގެ ހޮސްޕިޓަލް މަޝްރޫއުގެ ދަށުން ބީމް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ. މި މަޝްރޫއަކީ ތުލުސްދޫގެ 1680 މީހުންގެ އާބާދީއަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަސައްކަތުގެ ތެރެއިން ބީމް އެޅުމުގެ އިތުރުން، އިމާރާތުގެ ކޮލަމްތައް ހެދުމުގެ މުހިންމު މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. މިއީ ހޮސްޕިޓަލް އިމާރާތުގެ ބިންގާ ވަރުގަދަކުރުމަށް ކުރާ މުހިންމު މަސައްކަތްތަކެކެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ތެރޭގައި 1،729.12 އަކަފޫޓުގެ ހެލްތް ސެންޓަރުގެ ބްލޮކަކާއި، 238.11 އަކަފޫޓުގެ ސާވިސް ބްލޮކަކާއި، 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް ހިމެނެއެވެ.
ހެލްތް ސެންޓަރުގެ ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމަޖެންސީ ހިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. މިއީ ތުލުސްދޫ ރައްޔިތުންނަށް ދުވަހުން ދުވަހަށް ބޭނުންވާ އެތައް ސިއްހީ ހިދުމަތްތަކެއް އެއްތަނަކުން ލިބިގެންދާނެ މަގެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
މިއީ 101.71 މިލިއަން ރުފިޔާއަށް ސިއްހީ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކުރި ބިޔަ މަޝްރޫއުއެކެވެ. މަސައްކަތް ނިމުމާއެކު 1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބޭނެ މަގުފަހިވެގެންދާނެއެވެ.

