ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް ކެބިން ކުރޫން ހޯދުމަށް އިއުލާނުކޮށް، މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ވޯކިން އިންޓަވިއުއެއް ބާއްވާނެ ތާރީޚާއި ވަގުތު ހާމަކޮށްފިއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ މި އިންޓަވިއު ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެސްޓީއޯ ޓްރެއިނިން ސެންޓަރުގެ ހަތަރު ވަނަ ބުރީގައި ކަމަށެވެ.
މި ވޯކިން އިންޓަވިއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 14:30 އަށެވެ. ގިނަ އަދަދެއްގެ ފްލައިޓްތައް އޮޕަރޭޓްކުރަމުން އަންނަ މޯލްޑިވިއަންއިން ކެބިން ކުރޫގެ މަގާމަށް އާ މުވައްޒަފުން ހޯދަން ނިންމާފައި ވަނީ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައެވެ.
ކެބިން ކުރޫގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިން ހުންނަން ޖެހޭ ޝަރުތުތައްވެސް މޯލްޑިވިއަންއިން ކޮށްފައިވާ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ވަޒީފާއަށް ހުށަހަޅާ މީހާއަކީ 18 އާއި 35 އަހަރާ ދެމެދުގެ އުމުރުގެ މީހަކަށް ވާން ޖެހޭނެއެވެ. އަދި ދިވެހި އަދި އިނގިރޭސި ދެބަހުންވެސް ރަނގަޅަށް ވާހަކަ ދައްކަން އެނގުމަކީ މުހިންމު ޝަރުތެކެވެ.
މީގެ އިތުރުން، މަދުވެގެން އޯލެވެލް ފާހެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ތައުލީމީ ސެޓްފިކެޓެއް ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. އިސްކޮޅުގެ ޝަރުތުތަކަށް ބަލާއިރު، ފިރިހެނެއްނަމަ އިސްކޮޅުގައި މަދުވެގެން ފަސް ފޫޓް ހަތަރު އިންޗި ހުންނަން ޖެހޭނެއެވެ. އަދި އަންހެނެއްނަމަ އެންމެ މަދުވެގެން ފަސް ފޫޓް ދެ އިންޗި ހުންނަން ޖެހޭނެ ކަމަށްވެސް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައެވެ.

