ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އުފާވެރި ކާމިޔާބީއެއް ލިބި، މިއަހަރުގެ 2 މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފިސާރި ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ނަތީޖާއެއްކަން ފާހަގަކުރެވެއެވެ.
މިއަހަރުގެ 2 މިލިއަންވަނަ ފަތުރުވެރިޔާއަކީ ޔޫކޭއަށް ނިސްބަތްވާ އަންހެނެކެވެ. ބެތުނޮސޭރާ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށް އައި މިދަތުރަކީ ރާއްޖެއަށް ކުރި އަލަތު ދަތުރަށްވެފައި 2 މިިލިއަން ވަނަ ފަތުރުވެރިޔާގެ މަގާމުގެ ނަސީބުވެސް މިވަނީ މި ފުރަތަމަ ދަތުރުގައި ލިބިފައެވެ.

މިއަހަރު ރާއްޖެ އައި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވީއައިއޭ އިން މަރުހަބާ ދެންނެވުން —ފޮޓޯ: އަޚްތަރު/ހުވަދޫމީޑިއާ
މިއަދު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިއަންވަނަ ފަތުރުވެރިޔާ އައީ މިއަހަރުގެ 1 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލުކުރިތާ ގާތްގަނޑަކަށް 5 މަސް ނުވަނީސްއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ކަށަވަރުކޮށްދޭ އަދަދެކެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާ، އިންޑިއާގެ ކާޖަލް ސިންގް، ރާއްޖެއަށް އައިސްފައިވަނީ 2025 ވަނަ އަހަރުގެ ޖޫން 7 ގައެވެ. މިއީ މިހާތަނަށް އެންމެ އަވަހަށް 1 މިލިއަން ފަތުރުވެރިން ހަމަވި އަހަރެވެ. ކާޖަލް ސިންގް ރާއްޖެއަށް އައީ އޭނާގެ ބައިވެރިޔާއާއިއެކު މަލަހިނި ކުޑަބަޑޮސް ރިޒޯޓުގައި ހަނީމޫން ހޭދަކުރުމަށެވެ.

