ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާގެ މިންވަރު އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭނެ ގޮތަކަށް ޤާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ.
މި އިސްލާހުތައް ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށެވެ. ހުށަހެޅުނު ބިލުގެ ދަށުން، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ ދޭން ނުޖެހޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މީގެ އިތުރުން، ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ އެ ނޫންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ، އެ މަގާމުގެ މުއްދަތުގައި ޤާނޫނުން އެ ބޭފުޅަކަށް ދޭ އިނާޔަތްތައް މެދުކަނޑާލަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިހާރުގެ ޤާނޫނުގައި އިނާޔަތް މެދުކަނޑާލަން ޖެހެނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.
ކުރީގެ ރައީސުންނަށް ދެވޭ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. މި ދެ ބަދަލާއެކު ދައުލަތުގެ ޚަރަދަށް އަންނާނެ ބަދަލުތަކުގެ އެސްޓިމޭޓެއް ވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ.
އެ އެސްޓިމޭޓްގައިވާ ގޮތުން، ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކޮށްފިނަމަ އަންނަ އަހަރު 10،500،000 ރުފިޔާ ޚަރަދު ކުޑަވާނެއެވެ. މީގެ ސަބަބުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ކުރީގެ ނައިބުންނަށް އިނާޔަތް ދިނުމަށް ހިމެނުމުން އަންނަ އަހަރު އެކަމަށް 300،000 ރުފިޔާ އަދި ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
މި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބި، ކުރީގެ ނައިބު ރައީސުންނަށް ވެސް އެކަށީގެންވާ އިނާޔަތެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި ބިލު މިހާރު މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިގެން ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

