އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމުގެގޮތުން، ހޭލުންތެރިކުރުމުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް އިލެކްޝަން ކޮމިޝަނުން (އީސީ) ތައްޔާރުވެއްޖެއެވެ. މި ޕްރޮގްރާމް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 12 އަތޮޅެއްގެ 36 ރަށެއްގައެވެ. މާދަމާ ފަށާ މި ޕްރޮގްރާމް، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކު ނިޒާމު ހިނގާގޮތާއި، އަސާސްތަކާއި، މަލްޓިޕާޓީ ސިސްޓަމްއާ ގުޅޭ މައުލޫމާތު ދިނުމެވެ. އަދި ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި، ނިޒާމުގައި ހިމެނޭ ފަރާތްތަކުން ނަގަންޖެހޭ ޒިންމާތަކާއި، އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު ބޭނުމެކެވެ.
ހޭލުންތެރިކުރުމުގެ މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އައްޑު އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީ ހިމެނެއެވެ. މިގޮތުން މި ޕްރޮގްރާމުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ އެކި އުމުރު ފުރައިގެ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ސެޝަންތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމުތައްވެސް ކުރިއަށްގެންދާނެއެވެ.
މި ޕްރޮގްރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިލެކްޝަންސް ކޮމިޝަނުން ހިންގި ޓްރެއިނިންގ އޮފް ޓްރޭނަރސްގެ ޕްރޮގްރާމް ފުރިހަމަކުރި 24 ޓްރެއިނަރުންނެވެ. މި ޕްރޮގްރާމްތައް ހިންގުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ފުވައްމުލައް ސިޓީ ލާރނިންގ ސެންޓަރއިން ބައިވެރިވެއެވެ. އަދި މިހަރަކާތުގެ މީޑީއާ ޕާޓްނަރެއްގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހަރަކާތްތެރިވާނެއެވެ.

