ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތަކަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފިއެވެ. މި ވަޒީފާ ދީފައިވަނީ އިޖުތިމާޢީ ތަރައްޤީ އާއި ޢާއިލާއާ ބެހޭ ވުޒާރާ އާއި އާރްޑީސީ ގުޅިގެން ހިންގި އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗު ކާމިޔާބުކަމާއެކު ފުރިހަމަކުރި ފަރާތްތަކަށެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް އާރްޑީސީ އިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، މި އިންޓާންޝިޕްގެ ފުރަތަމަ ބެޗުން ޕްރޮގްރާމް ފުރިހަމަކުރި އެއް ފަރާތަކަށް ވެސް އާރްޑީސީން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ ދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެކެވެ. މިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ވުޒާރާއިން ދަނީ އެފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުގެ ކުންފުނިތަކާއި ރިސޯޓުތަކާއެކު މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން، މިނިސްޓްރީ އާއި ކެއަރ ސޮސައިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ހިންގާ "ޖޮބް ރެޑިނަސް" ޕްރޮގްރާމުގެ ދަށުން މިހާތަނަށް ދެ ބެޗެއް ވަނީ ތަމްރީނުކުރެވިފައެވެ.

