ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް “ނެގެޓިވް” އައުޓްލުކް މިހާރު ވަނީ “ސްޓޭބަލް” އަށް ބަދަލުކޮށްފިއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، މިއީ ފާއިތުވި އަހަރު ރާއްޖެއިން ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ކާމިޔާބީގެ ހެއްކެއް ކަމަށެވެ.
މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ބަދަލަކީ ދިވެހިރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ. މީގެކުރިން، އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ޚަރަދުތައް ބައްޓަންކޮށްފައިވާތީ، ދަރަނި ނަގާފައިވާ މިންވަރު އިތުރުވެ، ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ފާހަގަކުރަމުން އައެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒަރވް ވަރަށް ބޮޑަށް ހީނަރުވެފައިވެއެވެ.
ނަމަވެސް، 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ މި ހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގައި މާލީ ކަންކަން ތަރުތީބުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައެވެ. މޫޑީސްއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވެފައިވާ ކަމެވެ. އެގޮތުން، އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 15 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މި ސަރުކާރުގެ ސިޔާސަތުތަކާއެކު މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އެ އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަން މޫޑީސްއިން ފާހަގަކުރިއެވެ. އަދި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތައް ހިފަހައްޓައި މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކޮށްފައިވާކަމަށް ވެސް މޫޑީސްއިން ބުނެއެވެ.
މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ކުރުމެއްނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާކަން ސަރުކާރުން ވިދާޅުވެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 10 އިންސައްތައިން އިތުރުވެފައިވާކަން މާލީ ވުޒާރާއިން ހާމަކުރިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، 2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންޖެހޭ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާކަން ސަރުކާރުން ފާހަގަކުރިއެވެ.
މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ބޭރުގެ ފައިނޭންސިންގ ހޯދޭ މިންވަރު ދަށްވެފައިވާކަމަށް ފާހަގަކުރި ނަމަވެސް، މިހާރު ދޭދޭ ޤައުމުތައް މެދުވެރިކޮށް ފައިނޭންސިންގ ހޯދުމުގެ ޤާބިލުކަން ރާއްޖެއިން ދައްކައިދީފައިވާކަމަށް މޫޑީޒްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިއީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް، ދޭދޭ ޤައުމުތަކާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާކަމުގެ ހެއްކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މާލީ ވުޒާރާއިން ވަނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޢާދަކުރުމާއެކު އިޤްތިޞާދުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން ހާސިލްވާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރަމުން ގެންދިއުމަށް އުންމީދުކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.

