އަންނަ އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ހިދުމަތަކީ ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގާ އަކުން ގުޅާލުމަށް ފަރުމާ ކުރެވިފައިވާ “އިންޓަރގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން ދޭއްގެ ހިދުމަތެކެވެ.
މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅާލުމަށް ކަނޑައަޅާފައިވަނީ ނ. މަނަދޫ އާއި ރ. އުނގޫފާރެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި، މި ހިދުމަތް ދިނުމުގައި ބޭނުން ކުރާނީ 32 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ.
މި ފެރީގައި އެންސްޕާގައި ރަޖިސްޓަރު ކުރެވިފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެ ސީޓު ހަމަޖެހިފައިވާނެއެވެ. އަދި އެފަދަ ފަރާތްތަކަށް، ރަސްމީކޮށް އަގު ނަގައިގެން ދެމުން އަންނަ މި ހިދުމަތުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކުރައްވާފައެވެ.
އެމްޓީސީސީން ވިދާޅުވީ، ފެރީގެ ހިދުމަތް ފެށިގެން ދިއުމާއެކު، މި ދެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ. ޓިކެޓު ނެގުމުގެ ހިދުމަތް އާރުޓީއެލް ވެބްސައިޓުންނާއި މޮބައިލް އެޕް މެދުވެރިކޮށް އަދި ކިއުއާރް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ލިބޭނެއެވެ.
ނ. އަތޮޅާއި ރ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ 12 އަތޮޅެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ. މި މަޝްރޫއަކީ ރާއްޖޭގެ އަތޮޅުތައް ފެރީގެ ނިޒާމުން ގުޅުވާލުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.

