ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތްތަކުގައި ދިމާވެފައިވާ މައްސަލަތައް ބޮޑުވެ، އެ މަސައްކަތް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ގޮތަށް ނިންމައިފިއެވެ. މިކަމާ ގުޅިގެން ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، މައްސަލަ ހައްލުކުރުމަށް ތުޅާދޫ ކައުންސިލް އިދާރާއިން އެއްބާރުލުން ދީފައިނުވާކަމަށް ފާހަގަކޮށްފައެވެ.
މިދިޔަ ސަރުކާރުން ތުޅާދޫގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް، ފޯމު އިވެލުއޭޓް ކުރުމާއި ހަވާލުކުރުމާ ހަމައަށް ހަވާލުކުރެވިފައިވަނީ ތުޅާދޫ ކައުންސިލާއެވެ. ނަމަވެސް، ކައުންސިލުން އެކުލަވާލި އުސޫލާއި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ޝާއިއުކުރި ވަގުތީ ލިސްޓަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައިވަނީ، ހައުސިންގ ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ކުރިން އާންމުކޮށްފައިވާ އުސޫލަށް ގެނެސްފައިވަނީ ޝަރުއީ އަދި ޤާނޫނާ ޚިލާފު ބަދަލެއް ކަމަށް ވާތީ، 2022 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު އާންމުކުރި އުޞޫލަށް ޢަމަލުކުރުމަށެވެ. ނަމަވެސް މި ހުކުމަށްފަހުވެސް އެކި މައްސަލަތަކާ ހެދި ހައުސިންގ ޔުނިޓުތައް ދޫކުރެވޭ ގޮތެއް ނުވެ، އެތައް ދުވަހަކު ވަނީ ލަސްވެފައެވެ.
މިކަމާ ގުޅިގެން ވުޒާރާއިން ނިންމާފައިވަނީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ތުޅާދޫ ކައުންސިލުން އިޢުލާނުކޮށްފައިވާ ދާއިމީ ލިސްޓު ބާޠިލުކުރުމަށްފަހު، ކޯޓުގެ ހުކުމާ އެއްގޮތަށް 2022 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ޢާންމުކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށް، ފޯމުތައް ރީ-އިވެލުއޭޓްކުރުމަށްފަހު އަންގައިދިނުމަށް ކައުންސިލްގައި އެދުމަށެވެ. ނަމަވެސް ވުޒާރާއިން ބުނެފައިވަނީ ކައުންސިލް އިދާރާއިން މި މައްސަލަ އަވަހަށް ޙައްލުކުރުމަށްޓަކައި އެއްބާރުލުން ދީފައިނުވާކަމަށާއި، އުޞޫލާ ޚިލާފަށް ފޯމުތައް އިވެލުއޭޓްކޮށްފައިވާކަމަށެވެ.
ވުޒާރާއިން ފާހަގަކުރާގޮތުގައި، މި ލަސްވުމުގެ ސަބަބުން ހައުސިންގ ޔުނިޓުތައް ލިބެންޖެހޭ ފަރާތްތަކުގެ ޙައްޤު ގެއްލިގެންދިއުމުގެ އިތުރުން، އިމާރާތްތައް ބޭނުންނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ޢިމާރާތަށް ގެއްލުންލިބި، މަރާމާތުކުރުމަށް ގިނަ ޚަރަދުތަކެއް ހިނގާނެއެވެ. މިއީ ދައުލަތަށް ލިބެމުންދާ އިޢާދަނުކުރެވޭނެ ފަދަ ގެއްލުމެއްކަމަށް ވުޒާރާއިން ބުނެއެވެ. ވުޒާރާގެ އަމާޒަކީ ވީ އެންމެ އަވަސް ފުރުޞަތެއްގައި މި ޔުނިޓުތައް ޙައްޤުވެރިންނަށް ޙަވާލުކުރުމެވެ.

