ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ބޯ ވިއްސާރައިގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާތަކުގައި މިހާތަނަށް 47 މީހުން މަރުވެފައިވާކަމަށެވެ.
ރައީސް މުޢިއްޒު މި ތަޢުޒިޔާ ވިދާޅުވީ ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ލަންކާގެ މޫސުން ގޯސްވެ އެ ޤައުމަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ޢާއިލާތަކަށް ވަކިން ޚާއްސަކޮށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑުވަޅުގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ދެޤައުމުގެ ގުޅުން ބަދަހިކަން ފާހަގަކުރައްވައި، މިފަދަ ދަތި ހާލަތްތަކުގައި އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށް އެމަނިކުފާނުގެ މެސެޖުގައި ހިމެނިފައިވެއެވެ.
ސްރީ ލަންކާއަށް ކުރި މި ވިއްސާރައަކީ ވަރަށް ބޯކޮށް ވެހުނު ވާރެއެކެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. މި ވިއްސާރައާ ގުޅިގެން ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ލިބި، 47 މީހުން މަރުވެފައިވާކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

