ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ރައްޔިތުންނާ ބައްދަލުވުންތަކުގައި، އެެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށަހަޅަންޖެހޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ އަޑުއެހުން ކަމަށެވެ. އެގޮތުން، މީގެ ކުރިން ބޭއްވި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާކަންކަމާއި ބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ.
ހީނާ ވިދާޅުވީ، ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ މިނިވަންކަމާއެކު ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ދިނުމުގެ އެ އުޞޫލުން ކަމަށެވެ. އަދި އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޤާމާ ހަވާލުވެވަޑައިގަތް ފަހުން އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާފައެވެ. އަދި މިހާރު އެމަނިކުފާނު ވަނީ މާލޭގެ އެކި އަވައްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިގިނލީގެ ރައްޔިތުންނާއެވެ. އެއަށްފަހު މާލޭގެ މައްޗަންގޯޅި ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވިއެވެ. ވަކިން ޚާއްސަކޮށް މި ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ސުވާލެއް ނުވަތަ ޚިޔާލެއް ހުށަހެޅުމުގެ ފުރުޞަތު އެއްވެސް ހުއްޓުމެއްނެތި ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ.

