ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި، ސީދާ އެމަނިކުފާނާ ބޭނުން ސުވާލެއް ކުރެއްވުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ ކަމަށް ވިދާޅުވެއްޖެއެވެ. އަދި ބައްދަލުވުމަށް ފަހު ސިޓީ ނުވަތަ ނޯޓެއް ދެއްވަން ބޭނުންފުޅު ނަމަ، ސީދާ އެމަނިކުފާނުގެ އަތްޕުޅަށް އެރުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، މި ބައްދަލުވުންތަކަކީ ރައްޔިތުންނަށް ސީދާ ސުވާލުކޮށް، ދަންނަވާލަން ބޭނުންވާ ވާހަކަތައް ދަންނަވާލެވޭނެ ގޮތަށް ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ. އަދި މިކަމާ ހިލާފަށް ބައެއް މެންބަރުން ރައްޔިތުންނަށް މެސެޖްކޮށް ދަންނަވަމުންދާތީ، އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިގޮތަށް ރައީސް މުއިއްޒު ވިދާޅުވީ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ރައްޔިތުންނަށް އެންގެވި އެންގެވުމަކާ ގުޅިގެންނެވެ. އަސްމާ އެންގެވީ ރައީސާ ސުވާލުކުރަން ބޭނުން ނަމަ، އެކަން އޭނާއަށް އެންގުމަށާއި، ސިޓީ ނުވަތަ ނޯޓުކޮޅެއް ދެއްވަން ބޭނުންފުޅު ނަމަވެސް އޭނާ އަތަށް ދެއްވުމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދް ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި، ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަންޖެހޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. ހީނާ ވިދާޅުވީ، ކުރިން ބޭއްވުނު ބައްދަލުވުންތަކުގައި ވެސް ކޮންމެ ބޭފުޅަކަށް ވެސް މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ފުރުސަތު ރައީސް ދެއްވާފައިވާ ކަމަށާއި، ކުރިއަށް ހުރި ބައްދަލުވުންތަކުގައި ވެސް އަމަލު ކުރައްވާނީ އެ އުސޫލުން ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ދުރާލާ ސުވާލު ނުވަތަ ހިޔާލު ހިއްސާ ކުރާކަށް ނުޖެހޭނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މިހާތަނަށް މާލެ ސިޓީގެ ވިލިމާލެ އާއި މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުންގެ އަޑު ސީދާ އަޑުއައްސަވައި، ވަގުތުން ޖަވާބު ދެއްވޭ ކަންކަމަށް ޖަވާބު ދެއްވުމަށްފަހު، އެހެން ކަންކަން ކަމާ ގުޅުންހުރި ވުޒާރާތަކުން ބައްލަވާނެ ކަމަށް ވިދާޅުވެއެވެ. އަދި ކޮންމެ ރައްޔިތަކު ދައްކާ ވާހަކަ ނޯޓު ކުރެވެމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

