ހއ. ދިއްދޫގައި ތަރައްޤީކުރި އިސްލާމީ މަރުކަޒަކީ ދިއްދޫގެ އިތުރުން އަތޮޅުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ އިސްލާމީ ނޫރު ފަތުރާ ޢިލްމީ މުހިއްމު މަރުކަޒަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ އަތޮޅުތަކުގައި ހުޅުވުނު ތިންވަނަ އިސްލާމީ މަރުކަޒެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިއްދޫގައި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މި މަރުކަޒަކީ ސަރުކާރުން ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ނިންމާފައިވާ މަޝްރޫޢުއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިފަދަ މަޝްރޫޢުތައް ނިންމުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގެ ބޭނުމަކީ ރާއްޖޭގައި އިސްލާމީ ޢިލްމު ފެތުރުމާއި އިސްލާމީ ނޫރު ފެތުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ވާނީ މުހިއްމު ޢިލްމީ މުއައްސަސާއަކަށްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން، މި މަރުކަޒުގައި ލައިބްރަރީއާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިވެސް ވަނީ ހުޅުވާފައެވެ. ވަޒީރު ވިދާޅުވީ، ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ޚާއްސަ ޕްރޮގްރާމްތައް ގެންދާނެކަމަށާއި އިމާމުން ތަމްރީންކުރުންފަދަ އެކި ޕްރޮގްރާމްތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާނެކަމަށެވެ.
މީގެ އިތުރުން ޖަލްސާ ކުރާ މާލަމުގައި އިސްލާމީ ކަންކަމުގެ އިތުރުން ޚާއްސަ ކޮންޕަރެންސް ފަދަ ހަރަކާތްތައް ކުރިއަށްގެންދެވޭނެ ތަނަކަށް ވާނެކަމަށާއި، އިސްލާމީ މަރުކަޒުގެ ކަރާމަތަށް އުނިކަން ނާންނަ ކޮންމެ ހަރަކާތެއްވެސް ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުންކަމަށެވެ. މިގޮތުން މިހާރުވެސް 10 މަރުކަޒެއް ތަރައްޤީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށް ބައެއް މަރުކަޒުތަކުގެ މަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އައްޑޫސިޓީގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒު އަންނަ އަހަރު ހުޅުވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުއްލަޠީފް މުޙައްމަދުވެސް ވަނީ ދިއްދޫ އިސްލާމީ މަރުކަޒަކީ ދިއްދޫގެ ރައްޔިތުންނާއި އެ އަތޮޅުގެ ރައްޔިތުންނަށް ދީނީ ގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މެންބަރު ޢަބުދުއްލަޠީފް ވިދާޅުވީ “އަޅުގަނޑު ޤަބޫލުކުރަނީ މި ރަށުގެ ރައްޔިތުންނައި އަތޮޅުގެ ރައްޔިތުން އަދި މުޅި ރާއްޖޭގައިވެސް ބާއްވާ ދީނީ ބައެއް ކަންކަން މި މަރުކަޒުގައި ބޭއްވިގެންދާނެ. މި މަސައްކަތް ނިންމާދީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރެއްވި.”
ދިއްދޫ އިސްލާމީ މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި 2 ސެމިނަރ ރޫމާއި އޮފީސް ޖާގައެއްވެސް ވަނީ ހިމަނާފައެވެ. މި އިސްލާމީ މަރުކަޒު ތަރައްޤީކޮށްފައިވަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެކެވެ.

