ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން ދިރާގު ކަސްޓަމަރުންނަށް އެ ގައުމަށް ހިލޭ ގުޅޭ ގޮތް ހަދައިފިއެވެ.
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން، ދިރާގުގެ ކަސްޓަމަރުންނަށް އެ ގައުމުގައި ތިބި އާއިލާ މެންބަރުންނާއި ގާތް މީހުންނަށް ހިލޭ ގުޅޭނެ އިންތިޒާމެއް ދިރާގުން ހަމަޖައްސައިފިއެވެ. މިކަން ހާމަކޮށް ދިރާގުން މިއަދު ބުނީ، ލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާއާ ގުޅިގެން، އެ ގައުމުގައި ތިބި ލޯބިވާ މީހުންނާއި އާއިލާއަށް ހިލޭ ގުޅޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
މި ހިދުމަތުގެ ދަށުން، ދިރާގު ކަސްޓަމަރުންނަށް *225# އަށް ޑައިލްކޮށް، ލަންކާއަށް ހިލޭ ގުޅޭ ގޮތަށް 30 މިނެޓްގެ ސްޕެޝަލް އެޑް-އޮނެއް ލިބިގެންދާނެއެވެ. ދިރާގުން ބުނީ މި އެޑްއޮން އެކްޓިވޭޓް ކުރެވޭނީ މާދަމާގެ ނިޔަލަށް ކަމަށެވެ. މިއީ މި ދަނޑިވަޅުގައި ލަންކާގައި ތިބި ދިވެހިންނާއި އެހެން ފަރާތްތަކުގެ ހާލު ބެލުމަށް ފަސޭހަ ކުރުމުގެ ގޮތުން ދިރާގުން ހަމަޖެއްސި ވަގުތީ ހިދުމަތެކެވެ.
މިދިޔަ ހަފްތާއިން ފެށިގެން ލަންކާއަށް ބޯކޮށް ވާރޭވެހެމުންދާއިރު، މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސަމާލުވުމަށް އަންގާފައެވެ. ޚާއްސަކޮށް ތޫފާން ދިޓްވާ އާއި ގުޅިގެން ލަންކާގެ އިރުމަތީ އައްސޭރިފަށަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އިރުމަތީ އައްސޭރިފަށުގައި އުފެދެމުން އައި ކޮޅިގަނޑު، މިހާރު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ތޫފާން އިންޑިއާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ވިއްސާރާއާ ގުޅިގެން ލަންކާގެ އެކި ހިސާބުތަކުގައި ކޯރުތައް އުފުލެމުންދާތީ، އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އިން ވަނީ ތިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ސަލާމަތީ ތަންތަނާއި އުސް ހިސާބުތަކަށް ބަދަލުވުމަށް އިލްތިމާސްކޮށްފައެވެ. މޫސުމީ މި ކާރިސާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑީއެމްސީން ދަނީ އެ ގައުމުގެ ރައްޔިތުންނަށް އިރުޝާދު ދެމުންނެވެ.

