މިލަދުންމަޑުލު ދެކުނުބުރީ (ނ. އަތޮޅު) ވެލިދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް، ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވެލިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ނ. ވެލިދޫގެ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވެލިދޫ ކައުންސިލްގެ މެމްބަރުންނާއި، ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ސިއްޙީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޚިދުމަތް އިފްތިތާހުކޮށްދެއްވުމާ ގުޅިގެން ވަޒީރަށް ވަނީ ޚާއްސަ ޕްލާކެއްވެސް އަރުވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވީ، ވެލިދޫގައި މިއަދު އިފްތިތާޙު ކުރި އެކްސްރޭގެ ޚިދުމަތަކީ، ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ޚިދުމަތެއް ކަމަށާއި، މި ޚިދުމަތް ފެށުމާއިއެކު ރަށުގެ ސިއްޙީ މަރުކަޒު އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ. އަދި އެކްސްރޭގެ ޚިދުމަތް ފެށުމަކީ ރަށު މީހުން އެތަކެއް ދުވަހެއް ވަންދެން ދެކެމުން ދިޔަ ހުވަފެނެއް މިއަދު ހަޤީޤަތަކަށްވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވާ ގޮތުގައި ނ. ވެލިދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ދޭން ފެށުމަކީ އެރަށުގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން މީގެ ކުރިން ބޭސްފަރުވާއަށް މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ބުރަ ރައްޔިތުންގެ ކިބައިން ކުޑަވެ، ފަސޭހަކަމާއެކު ރަށުގައި ތިބެގެން އެކްސްރޭ ނެގުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.
16 ގަޑިއިރަށް ޚިދުމަތް ދޭ މި މަރުކަޒުގައި އެކްސްރޭ މެޝިނެއް ބެހެއްޓުމުން ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ބަލި ދެނެގަނެވި އަވަސް ފަރުވާ ދިނުމަށް މަގުފަހިވެގެންދާނެއެވެ. އެކްސްރޭގެ ޚިދުމަތަކީ ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް (ނިއުމޯނިއާ، ޓީބީ ފަދަ) އަދި ބަނޑުގެ ބައެއް މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ނޮން-އިންވޭސިވް ވަސީލަތަކަށް ވުމުން، އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.
މި ޚިދުމަތާއެކު އެކްސްރޭ ނެގުމަށްޓަކައި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ދަތިތަކާއި، ދަތުރުގެ ލޮޖިސްޓިކްސްގެ ބުރަތަކާއި، ޚަރަދުތައް ކުޑަވެގެންދާނެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ހިނގާ ބިނގާވެ އުޅުމަށް ދަތިވާ މީހުންނަށް މިކަމުގެ ލުއި ބޮޑުވެ، ބަލި ދެނެގަތުން އަވަސްވުމުގެ ސަބަބުން ފަރުވާ ދޭން ފަށާ ވަގުތުވެސް އަވަސް ވެގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

