ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ބަރަކާތްތެރި ރަމަޟާންމަހުގެ ކުރިން ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމާއި ގުޅިގެން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
މި އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވީ، މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއެކު ހުޅުވުމާއި ގުޅިގެންނެވެ. އެ މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވަމުން، ރައީސް ފާހަގަކުރެއްވީ، މިފަދަ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރަމަޟާންމަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށެވެ. މިގޮތުން، ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިމި، ރަމަޟާންމަހުގެ ކުރިން އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެއެވެ.
އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތަކެއްވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި، އެތަނުގައި އިތުރު ދާއިމީ މިސްކިތްތަކެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް މި ޑިސެންބަރުމަހު ފެށިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަޤްޞަދަކީ، ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެއްބައިވަންތަކަން ޤާއިމުކޮށް، އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރެއްވުންކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދީނީ ޢިލްމު އުނގެނުމާއި، ފަސްނަމާދު ޖަމާޢަތުގައި ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެކަމަށް ލަފާކުރެވެއެވެ.

