މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާ ބޮޑުވަމުންދާ މިންވަރު ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް މޫސުން ގޯސްވެ، ހިތާމަވެރި ހާދިސާތަކަށް ޢިޝާތެއް ކުރެއްވުމާއެކުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކުުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތައް ބޮޑުވަމުންދާ މިންވަރު އަންގައިދޭ ކަންކަމެވެ. އަދި ތައިލެންޑު، ވިއެޓްނާމް އަދި އިންޑޮނޭޝިޔާގައި މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި ބަޔަކު މަރުވެ، ލިބުނު ގެއްލުންތަކާއި ގުޅިގެން ދިވެހި ސަރުކާރުން ހިތާމަ ފާޅުކުރައްވާކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮންކޮންގައި ބަޔަކު ދިރިއުޅޭ އިމާރާތްތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތައުޒިޔާ ވިދާޅުވެފައެވެ. މި ހާދިސާއަކީ ވެސް އިންސާނީ ބިރުވެރިކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ހާދިސާއެކެވެ.
މި ހާދިސާތަކުގެ ސަބަބުން ނުރައްކާވެފައިވާ ހުރިހާ ގައުމުތަކާއެކު ދިވެހިރާއްޖެއިން އެއްބައިވަންތަކަން ފާޅުކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ކާރިސާތަކުގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ ސަލާމަތީ އަދި ސަލްވާންކުރުމުގެ ޓީމުތަކުގެ ހިތްވަރަށް އެ މަނިކުފާނު ތައުރީފުކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ މި ހާދިސާތަކުގައި އެކި ގޮތްގޮތުން ގެއްލުން ލިބުނު ފަރާތްތަކާއެކުކަމަށެވެ. އަދި މީހުންގެ ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ ހިތްވަރުގަދަކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ މަސައްކަތަށް ރައީސް ވަނީ ޝުކުރުދަންނަވައި ތައުރީފްކުރައްވާފައެވެ.

