މަމްސް އެއިޑް ޖަމިއްޔާއިން މި އަހަރުވެސް ވަކި ޖިންސަކަށް ވީތީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތްތަކުގެ ތެރެއިން، ރޭ ގެންދިޔައީ “ސްޓްރޯންގް ވުމެން، ސޭފް ވުމެން ސެލްފް ޑިފެންސް ވޯކްޝޮޕް” އެވެ.
މި ހިލޭ ވޯކްޝޮޕް ބާއްވަނީ ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެންނެވެ. މިއީ ޕޮލިސް، އެމް އެން ޑީ އެފް، ވެލްނަސް ކްލަބް އަދި އެސޯސިއޭޝަން ފޯ ވިމަން އެމްޕަވަމަންޓް އާއި ގުޅިގެން ގެންދިޔަަ ހަރަކާތެކެވެ. މި ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ އަންހެނުންނަށް ދިމާވާ ތަފާތު އަނިޔާތަކަށް ހޭލުންތެރިކުރުވުމާއި، އެ އަނިޔާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ދިނުމެވެ.
މީގެ އިތުރުން، ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ރޭގަނޑު ކުއިޒް ނައިޓްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކުއިޒް ނައިޓްގެ މަޤްޞަދަކީ މަޖާ މާހައުލެއްގައި ވާދަވެރިކަމާއެކު ޓީމްތަކެއް ހަދައިގެން އަންހެނުންނަށް ދިމާވާ އަނިޔާތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ކުއިޒް ނައިޓްގައި ދެ ޖިންސުގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، ހަތަރު މީހުންގެ ޓީމަކަށް 200 ރުފިޔާގެ ފީއެއް ނަގާނެއެވެ. ވަނަ ހޯދާ ތިން ޓީމަކަށް އަގުހުރި އިނާމުތައް ވަނީ ހަމަޖެހިފައެވެ. ކުއިޒަށް ރެޖިސްޓްރީވުމަށް އަންނަ ހަފްތާގައި ހުޅުވާލެވޭނެއެވެ.
އަދި އަންހެނުންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ރައްކާތެރިވާނެ ގޮތްތަކާއި، އަނިޔާގެ މާނައާއި، ރާއްޖެއިން ލިބޭނެ އެހީތަކަށް އަލިއަޅުވާލައިގެން އޮންލައިން ވެބިނާ އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

