ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ދިވެހިރާއްޖެއިން އެހީގެ ގޮތުގައި ފައިސާ އަދި މަސްދަޅުކޭސް ހަދިޔާކުރުމަށް ނިންމައިފިއެވެ. މި ނިންމުމަކީ، ޑިޓްވާ ތޫފާންގެ ސަބަބުން ސްރީލަންކާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ޤައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު އަދި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމާފައިވާކަމަށެވެ. މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަންކަމަށެވެ.
ރާއްޖެއިން އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށެވެ. އަދި މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުންކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރިއެވެ.
ޑިޓްވާ ތޫފާންގެ ސަބަބުން ސްރީ ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މިހާތަނަށް މަރުވި މީހުންގެ ޢަދަދު 69 އަށް އަރާފައިވާއިރު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެ ޤައުމަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. މޫސުން ގޯސްވުމުގެ ސަބަބުން ސްރީ ލަންކާގެ 219،000އަށްވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި ސްރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށްފައެވެ.

