މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް ހައިވޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ، އެމީހުންނަށް އައިޖީއެމްއެޗް (އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް) ގައި ފަރުވާދޭން ފަށައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާގޮތުގައި، ހައިވޭއިން ހުޅުމާލެއަށްދާ ލޭން ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9 ޖެހިއިރު ފުލުހުންނަށް ލިބިފައިވެއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަންއިން ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި ސައިކަލުގެ ފަހަތުގައި އިން 22 އަހަރުގެ އަންހެނަކަށެވެ.
އަނިޔާ ލިބުނު ދެމީހުންނަށްވެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. ފުލުހުން ދިން މަޢުލޫމާތަށް ބަލާއިރު، ފިރިހެން މީހާގެ ކަނައަތު ކޮނޑުހުޅު ނެއްޓި، އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަދި އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިހާދިސާ ހިނގާފައިވާ ސީދާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަޙުގީގުކުރަމުންނެވެ.

