ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި، އެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ޢަމަލީ ގޮތުން ތިބިކަން ދައްކުވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ގޮވާލެއްވީ، މިއަދު ފާހަގަކުރާ “ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް” އާ ގުޅިގެން އެމަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ބައިނަލްއަޤްވާމީ ގޮތުން މި ދުވަސް ފާހަގަކުރާއިރުވެސް، ފަލަސްޠީނުގެ ބިމުގައި ހާލަތު އޮތީ އަދިވެސް ގޯސްކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ދުވަސް ފާހަގަކުރާއިރުވެސް ފަލަސްޠީނުގެ ބިމުގައި ހާލަތު އޮތީ އަދިވެސް ގޯސްކޮށެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ޙަމަލާތައް ދެމުންދެއެވެ. މީގެ އިތުރުން ހުޅުގަނގު އައްސޭރީގެ އިތުރު ބިންތައް ހިފައި ޔަހޫދީން އާބާދުކުރުވުމާއި، ފަލަސްޠީނުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި، ހަމަޖެހުން ޤާއިމްކޮށް އިޤްތިޞާދީ ގޮތުން ފާގަތިކަން ހޯދުމަށް ކުރާ މަސައްކަތްތަކަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާލަތުގައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީ ގޮތުން ދައްކުވައިދީ، އެކުގައި މަސައްކަތްކޮށް މާނަހުރި ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް، އެ ޤައުމުގެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި، ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެގޮތެއް ނުވެ ދެމި ދެމިއޮންނާނެކަން ހާމަކުރެއްވިއެވެ. އަދި މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމްކޮށް، 1967 ގެ ކުރީގެ ބޯޑަރުތަކަށް ރުޖޫޢަވެ، އިރުމަތީ ޤުދުސްއަކީ އެޤައުމުގެ ވެރިރަށް ގޮތުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކޮށް ކުރިއަރުވާ ޤައުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި މައްސަލާގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އިތުރަށް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މަންސަތައް ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކުރުމަށް ބޭނުންކުރަމުންނެވެ. ސަރުކާރުގެ އިސްވެރިންނާއި އޮފިޝަލުން ވަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގާ ޖަރީމާތަކަށް އެ ދައުލަތާއި އެކަމުގެ އިސްވެރިން ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަން ފަށާފައިވަނީ އދ. އާންމު މަޖިލީހުން 1977 ވަނަ އަހަރު މި ދުވަސް ފާހަގަކުރުމަށް ނިންމައިގެންނެވެ. އދ. ގެ މަޤްޞަދަކީ މެންބަރު ޤައުމުތަކުން މިކަމުގައި ބައިވެރިވެ، ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރުމެވެ.

