ބާރުގަދަ ތޫފާނެއް ކަމުގައިވާ ދިތުވާއާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ވިއްސާރައިގައި އެޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައްބަޔަކު މަރުވެ އަދި އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން “ސިލޯނާއެކު ދިވެހީން” ޓެލެތޯން މިހާރު ފަށައިފިއެވެ. މި ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޓެލެތޯން ފަށާފައިވަނީ މިއަދު ހެނދުނު ކަމަށްވާއިރު، މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް މި ހަރަކާތް ކުރިއަށް ދާނެއެވެ. ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޓެލެތޯން ކުރިއަށް ގެންދަނީ ޖުމްލަ 37 މީޑިއާއެއްގެ އެހީތެރިކަމާ އެކުގައެވެ.
“ސިލޯނާއެކު ދިވެހީން” ޓެލެތޯނުގައި ބައިވެރިވެ، ސްރީލަންކާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި އަދި އެކުވެރި ޤައުމެކެވެ. އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ ބަޔެކެވެ. މީގެ އިތުރުން، ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި ސްރީލަންކާއެވެ.
އެހެންކަމުން، ލަންކާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ހާލަތުގައި ދިވެހި ރައްޔިތުންނަށް ދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޕީއެސްއެމްއިން ފާހަގަކުރެއެވެ.


