ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް މުޅިން އައު ބާބެއް ފަށައި، މަތީ ސާނަވީ މަރުޙަލާގެ ތަޢުލީމުގެ ތެރެއިން، ތަމްރީނާއި ހުނަރު ދަސްކޮށްދިނުމަށް ޚާއްސަ ސްކޫލެއް ކަމުގައިވާ “މާލޭ ވޮކޭޝަނަލް ހައި ސްކޫލް”ގެ ކިޔެވުން ރަސްމީކޮށް ފަށައިފިއެވެ. މި ސްކޫލަކީ، ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ރަސްމީ ތަޢުލީމުގެ ތެރެއިން އިތުރު ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ ބާޒާރަށް ތައްޔާރު ކުރުމަށް އަމާޒުކޮށްގެން އުފައްދާފައިވާ ތަޢުލީމީ މަރުކަޒެކެވެ.
“މާލޭ ވޮކޭޝަނަލް ހައި ސްކޫލް”ގެ އެންމެ ބޮޑު ބޭނުމަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، އެތައް ދަރިވަރުންތަކެއް މަސައްކަތު މާހައުލަށް ތައްޔާރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރުމަށް ބޭނުންވާ ބިންގާ އެޅުމެވެ. ގްރޭޑް 10 ނިންމުމަށްފަހު، ކުރިއަށްދާން ބޭނުންވާ ދާއިރާ ޚިޔާރު ކުރުމުގައި އެހީތެރިވެދީ، އެމަގުން ކުރިއަށް ދިއުމަށް މި ސްކޫލުން މަގުފަހިކޮށްދޭނެއެވެ.
މި ސްކޫލުގެ ފުރަތަމަ ބެޗުގެ 60 ދަރިވަރުންނާއެކު ކިޔެވުން މިހާރު މިވަނީ ފަށާފައެވެ. ދަރިވަރުންނަށް ކިޔެވުމަށް މިވަގުތު ލިބިފައިވާ ދާއިރާތަކުގެ ތެރޭގައި ފޮޓޯގްރަފީ، އައިޓީ، އަރކިޓެކްޗަރ، އިލެކްޓްރިކަލް އިންޖިނިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓް ހިމެނެއެވެ. ކޮންމެ ދަރިވަރަކަށްވެސް އެކުއްޖަކު ކިޔަވަން ބޭނުންވާ ދާއިރާ އިޚްތިޔާރު ކުރުމުގެ ފުރުޞަތު މިވަނީ ލިބިގެން ގޮސްފައެވެ.
“މާލޭ ވޮކޭޝަނަލް ހައި ސްކޫލް”ގެ ފުރަތަމަ ބެޗުގެ ދަރިވަރުން ބުނެފައިވަނީ، އިތުރަށް ތަޢުލީމު ހާސިލްކުރާނެ ދާއިރާއެއް އިޚްތިޔާރު ކުރުމުގެ ބަދަލުގައި ސީދާ ކުދިންގެ ޝަޢުގު ހުރި ދާއިރާއިން، ރަސްމީ ތަޢުލީމުގެ ތެރެއިން ހިލޭ ހުނަރުތައް ދަސްކުރުމަށް މި ލިބުނު ފުރުސަތަކީ، ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި މިއީ ވަރަށް ތަފާތު މާހައުލެއްގައި، ޝަޢުގުވެރި އެތައް ކަމަކާއެކު އުނގެނެން ލިބުނު ފުރުސަތެއްގެ ގޮތުގައި އެކުދިން ފާހަގަކުރިއެވެ. “ދިވެހި އިސްލާމް މާއްދާ ކިޔަވަން. އޭގެއިތުރުން ޝަޢުގުވެރިވާ ދާއިރާއިން، މިތަނުގައި ޢަމަލީގޮތުން މަސައްކަތްތައް މި ދަސްކުރަނީ. ވަރަށް ރަނގަޅު މާހައުލެއް، ފެސިލިޓޭޓަރުންވެސް ވަރަށް ރަނގަޅު. ވަރަށް އުފާވޭ މި ފުރުސަތު ލިބުނީމަ،” ދަރިވަރުން ފާހަގަކުރިއެވެ.
މި ސްކޫލުގައި ކިޔަވަން ފެށުން ފާހަގަ ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަރިވަރުންގެ ބެލެނިވެރިންވެސް ބައިވެރިވެފައިވެއެވެ. ދިރިއުޅުމުގައި ކުދިން ކުރިއަށް ދާނެ މިފަދަ މަގެއް ފަހިވެގެން ދިއުމަކީ، ވަރަށް ބޮޑަށް އުފާކުރާ ކަމެއްގެ ގޮތުގައި ބެލެނިވެރިން ފާހަގަކުރިއެވެ. “ބެލެނިވެރިންގެ އަތުން އެއްވެސް އަގެއް ދައްކަން ނުޖެހި، ރަސްމީ ތަޢުލީމުން މި ލިބެނީ ކުދިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު. މިއީ، ރާއްޖޭގެ މުޅި ތަޢުލީމީ ހަޔާތަށްވެސް އައި ވަރަށް ރަނގަޅު، ބޮޑު ކުރިއެރުމެއް. ދަރިންނަށް މިފަދަ ފުރުސަތެއް ފަހިވެގެން ދިޔައީމަ ވަރަށް އުފާކުރަން،” ބެލެނިވެރިން ފާހަގަކުރިއެވެ. އަދި ހުނަރުވެރި، ވަޒީފާގެ މައިދާނަށް ތައްޔާރު ދަރިވަރުންތަކެއްގެ ގޮތުގައި މި ދަރިވަރުން ވެގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށްވެސް އެބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ.
މި ސްކޫލުގައި ދަރިވަރުންގެ ކިޔެވުން ކުރިއަށް ދާނީ، މަތީ ސާނަވީގެ އެންމެހާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މި ދަރިވަރުން އޭލެވެލްގެ ދެ އަހަރުގެ މުއްދަތު ފުރިހަމަ ކުރާނެއެވެ. މި މަރުހަލާގައިވެސް ދިވެހި އަދި އިސްލާމް މި ދެ މާއްދާވަނީ، މަޖުބޫރު ކޮށްފައެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ޤަބޫލުކުރާ ސެޓްފިކެޓް މިންގަނޑުތަކަށް ދަރިވަރުން މި މަރުހަލާ ނިންމާއިރު، މަތީ ތަޢުލީމުގެ ދާއިރާތަކުން މަގުފަހިވާނެއެވެ. އަދި މި ދެ އަހަރު ފުރިހަމަކޮށް ނިކުންނައިރު، މި ދަރިވަރުން ވެގެންދާނީ މަސައްކަތުގެ މާހައުލަށް ފަރިތަ ދަރިވަރުންތަކަކަށެވެ.
މިހާރު ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދަނީ، ޕޮލިޓެކްނިކްގައެވެ. ސަރުކާރުގެ އަމާޒަކީ، ކުރިއަށް އޮތް އަހަރުތަކުގައި ވީހާވެސް ގިނަ ދަރިވަރުންނަށް މި ފުރުޞަތު ދީ، ވޮކޭޝަނަލް ޕާތުވޭގައި ކިޔަވާ ދަރިވަރުންގެ ޢަދަދު 500އަށް އިތުރު ކުރުމެވެ. މީގެ އިތުރުން ސަރުކާރުން ވަނީ، މަތީ ސާނަވީން ފުރުސަތު ލިބޭ ދަރިވަރުންގެ އަދަދު %31އިން %49އަށް އިތުރުކޮށްފައެވެ. މިކަމުގެ ސަބަބުން ތަޢުލީމީ ދާއިރާއިން ކުރިއެރުންތަކެއް ލިބި، ހުނަރުވެރި ޒުވާނުންތަކެއް ބިނާކުރުމަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

