ހުޅުމާލެ ފޭސް 2 އިން އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓުކުރުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމާއި ގުޅިގެން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރ. ދުވާފަރު، ސިކްސް ސެންސް ޝިބާ ރަޝީދު ކިޔާ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. ޝިބާ ގެއިން ނުކުމެގެން ގޮސްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ފަތިހު 05:55 ގައި ކަމަށާއި، އޭގެ ފަހުން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.
އެކުއްޖާ ގެއްލިގެން އާއިލާއިން ރިޕޯޓުކުރީ ހަމަ އެދުވަހުއެވެ. އެ ރިޕޯޓާއި ގުޅިގެން ފުލުހުންގެ އެކި ބަހާތައް ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވީނަމަވެސް، މިހާތަނަށް ޝިބާ ފެނިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މިހެންކަމުން، ޝިބާ ރަޝީދު ހޯދުމަށް އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށް ފުލުހުން ވިދާޅުވެއެވެ. ޝިބާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ މައުލޫމާތު ހުޅުމާލޭ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަމްބަރު 9113900 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރައްވައެވެ.

