ސްރީލަންކާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ރާއްޖޭގެ އެހެން މީޑިއާތަކާއި ގުޅިގެން ފަށާފައިވާ “ސިލޯނާއެކު ދިވެހީން” ޓެލެތޯން ކުރިއަށްދާ ވަގުތު، ސްކޭމަރުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންގޮސްދާނެކަމުގެ އިންޒާރު ދީފިއެވެ. މިކަމަށް ހުރިހައި ފަރާތްތަކުންވެސް ސަމާލުވުމަށް ދިވެހި ފުލުހުންގެ އިދާރާއާއި ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ޚާއްސަ ޓެލެތޯންގެ ދިރާސާކުރާ ޕެނަލްގައި ވާހަކަދައްކަވަމުން ދިވެހި ފުލުހުންގެ އިދާރާގެ ސީނިއަރ ސަރޖަންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވީ، ޓެލެތޯނަށް ވަކި ޚާއްސަ އެކައުންޓް ނަންބަރެއް ޚާއްސަކުރެވިފައިވީނަމަވެސް، ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މިފަދަ ދޮގު މެސެޖްތައް ދައުރުކުރަމުންދާކަން ފާހަގަކުރެވޭކަމަށެވެ. ޝަހުނީޒް ވަނީ ޚާއްސަކޮށް މިފަދަ ޓެލެތޯންތައް ކުރިއަށްދާއިރު ސްކޭމަރުން ސްކޭމް ހިންގާކަން ފާހަގަކުރައްވައި، އާންމު ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
“ޚާއްސަގޮތެއްގައި މިފަދަ ޓެލެތޯންއެއް ފެށިގެން ދާއިރުގައި އޭގެ ނާޖާއިޒް ފައިދާ ނެގުމަށްޓަކައި ސްކޭމަރުން މަސައްކަތްތަކެއް ކުރަމުންދާނެ. މިފަދަ ކަންކަމުން ދުރުވުމަށްޓަކައި ޚާއްސަކުރެވިފައިވާ އެކައުންޓް ނަންބަރު ރަނގަޅަށް ކަށަވަރުކުރެއްވުމާއި، ޕީއެސްއެމް މެދުވެރިކޮށްވެސް އަދި ފުލުހުން މެދުވެރިކޮށްވެސް ބީއެމްއެލް މެދުވެރިކޮށްވެސް ކަށަވަރުކުރެވޭނެ ގޮތްގޮތް ހުންނާނެ،” ޝަހުނީޒް ވިދާޅުވިއެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސައީދު ވިދާޅުވީ، ބޭންކުން ދޭ ކޮންމެ ޚިދުމަތަކީ ސެކިއުރިޓީއާއެކީގައި ދޭ ޚިދުމަތެއްކަމަށެވެ. ސެކިއުރިޓީ ބްރީޗްވަނީ އާންމު ފަރާތްތަކުން ކުރަން ނުޖެހޭ ކަމެއް ކުރެވިގެންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހަރަކާތަށް ޚާއްސަކޮށްގެން ވަކި ބޭންކް އެކައުންޓެއް ހުޅުވިފައިވާކަމަށާއި، ފައިސާގެ މުއާމަލާތް ކުރެވޭނެގޮތްތައްވެސް ޓީވީން ކިޔާދެމުންދާއިރު، މިކަންކަމަށް ސަމާލުވުމަށް ސައީދު ވަނީ އެދިފައެވެ.
ސައީދު އިތުރަށް ވިދާޅުވީ: “މިސާލަކަށް އެބަހުރި ވަކި ގޮތްތަކެއް ދެއްތޯ. އެއީ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނަން. ކިއުއާރު ކޯޑަށް ބަލާލާއިރުވެސް ކިއުއާރުކޯޑު މި މަސައްކަތްކުރަނީ ބީއެމްއެލް އެޕް ހުޅުވައިގެން. މާނައަކީ އެބޭފުޅެއްގެ އެޕުންނޭ އެބޭފުޅަކަށް ޓްރާންސްފަރ ކުރެވޭނީ. ދެން އަދި އޭގެ އިތުރުން އެކައުންޓް ނަންބަރއަށް ޓްރާންސްފަރ ކުރާއިރުގައިވެސް އެ އެކައުންޓަކީ ސިލޯނާއިއެކު ދިވެހިން މިހެން ޖަހާފައި އޮތް އެކައުންޓްތޯ ޔަޤީންކުރުން އެއީ ވަރަށް މުހިންމުކަމެއް ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން.”
ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ އެހެން މީޑިއާތަކާއި ގުޅިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯންގައި ފައިސާ ޖަމާކުރުމަށް ބީއެމްއެލްއިންވެސް އަދި ޕީއެސްއެމްއިންވެސް އެހެން އެއްވެސް އިދާރާއަކުން މެސެޖެއް ނުކުރާނެކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. ވުމާއެކު، އާންމު ރައްޔިތުންނަށް ދެވޭ އިލްތިމާސަކީ، ފައިސާ ޖަމާކުރުމުގެ ކުރިން ކޮންމެހެންވެސް ރަސްމީ މަގުތަކުން އެކައުންޓް ނަންބަރު ކަށަވަރުކުރުމެވެ.

