ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) އިން ވަނީ ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ޕީއެސްއެމްއިން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯނަށް 300،000 ރުފިޔާ ހަދިޔާކޮށްފިއެވެ. މި ޓެލެތޯނަކީ އަވަށްޓެރި ސްރީ ލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޓެލެތޯނަށް މިހާތަނަށް އަށް ލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 11،000 އަށްވުރެ ގިނަ ޑޮލަރު ލިބިފައިވާއިރު، މާލެ އަދި ހުޅުމާލޭގެ 15 ސަރަހައްދެއްގައި ފަންޑު ފޮށިތައް ބަހައްޓާފައި ވެއެވެ. އަދި ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ޓީވީއެމް ސްޓޫޑިއޯގައި ކުރިއަށްދިޔަ ހާއްސަ ލައިވް ޓެލެތޯންގައި، ޕީއެންސީ ޕީޖީ ގްރޫޕްގެ ގިނަ ބޭފުޅުންނާއެކު މި ފައިސާ ހިމެނޭ ރަމްޒީ ޗެކް ހަވާލުކޮށްދެއްވިއިރު، ޗެކާއި ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ލަންކާއަކީ ރާއްޖެއާ ވަރަށް ގާތް ގައުމެއް ކަމަށާއި، ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އަދި އެއް ގައުމެއްގެ ރައްޔިތުން އެންމެ ގިނައިން ރާއްޖޭގައި ދިރިއުޅޭ އެއް ގައުމު ކަމަށެވެ. އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ސްރީ ލަންކާއާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ވަރަށް ގާތް އެއްބަނޑު އެއްބަފާ ގުޅުމެއް އުފެދިފައި ވެއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ލަންކާއަށް މިފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމުން އެންމެ ފުރަތަމަ އިސްކަމެއް ނެންގެވި ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނެންގެވުމުގެ މަތިން، ލަންކާގެ ސަރުކާރުން އެހީއަށް އެދިވަޑައިގެންނެވުމުން އެންމެ ފުރަތަމަ އެހީތެރިވި ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުމަކީ، އަވައްޓެރި ގައުމުތަކާއި އެކީގައި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ވަރުގަދަ ކަމާއި ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާޙިމް ފަލާހް ވެސް ވިދާޅުވީ، ލަންކާ އާއި ރާއްޖެއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި، އެއީ ޒަމާނުއްސުރެ އެއްބަނޑު އެއްބަފާ ދެ ގައުމުގެ ގޮތުގައި އޮންނަ ދެ ގައުމު ކަމަށެވެ.

