ސްރީ ލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯންއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ. މި ޓެލެތޯންއަކީ އަވަށްޓެރި ޤައުމަށް ދިމާވި ހިތާމައިގައި ދިވެހިންގެ އެއްބާރުލުން ދެއްކުމުގެ ގޮތުން ފެށިފައިވާ ހަރަކާތެކެވެ.
މުއައްސަސާތަކުން ބައިވެރިވަމުންދާ މި ޓެލެތޯންއަށް އެމްއޭސީއެލުން ހަދިޔާކުރި 250،000 ރުފިޔާ ޕީއެސްއެމާ ހަވާލުކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު އަދި ޗީފް ކޮމާޝަލް އޮފިސާ މުހައްމަދު ނިހާދެވެ. ޕީއެސްއެމްގެ ފަރާތުން މި ފައިސާއާ ހަވާލުވެވަޑައިގެންނެވީ އެގްޒެކެޓިވް ޑިރެކްޓަރު ހުސައިން ޝުހާދުއެވެ. މި އެހީގެ ސަބަބުން ޓެލެތޯންއަށް ލިބުނު ފައިސާގެ ޢަދަދު ވަނީ 7 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.
ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިހާދު ވަނީ ލަންކާއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށާއި މަރުވި އަދި ގެއްލުނު ފަރާތްތަކުގެ އާއިލާއަށް އެމްއޭސީއެލްގެ ފަރާތުން ހިތުގެ ފުންމިނުން ތައުޒިޔާ ދަންނަވާފައެވެ. ނިހާދު ފާހަގަކުރެއްވި ގޮތުގައި، ލަންކާއަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނާ އެންމެ ގާތުން އަދި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާ އެއް ޤައުމު ކަމަށާއި، ދިވެހިންނަށް މިފަދަ ކަމެއް ދިމާވާ ހުރިހާ ދަނޑިވަޅެއްގައި ވެސް ލަންކާއިން އެހީތެރިކަން ފޯރުކޮށްދެއްވައެވެ.
މި ޓެލެތޯންއަށް ފަންޑު އެއްކުރުމުގެ ގޮތުން މާލެ އަދި ހުޅުމާލޭގެ 15 ސަރަހައްދެއްގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު، އެމްއޭސީއެލްއިން ހިންގާ އެއާޕޯޓްތެރޭގައިވެސް ވަނީ ފަންޑު ފޮއްޓެއް ބަހައްޓާފައެވެ.
ޕީއެސްއެމުން އިސްނަގައިގެން ކުރިޔަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ޓެލެތޯންގެ އެކައުންޓް ނަންބަރުތައް ތިރީގައި މިވަނީއެވެ:
ޓެލެތޯންގެ އެކައުންޓް ނަންބަރުތައް
ރުފިޔާ އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނެމްބަރު: 7730000796107
ޑޮލަރު އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނެމްބަރު: 7730000796106

