ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯން ފެށީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ.
“ސިލޯނާއެކު ދިވެހީން” ޓެލެތޯން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9 އަކުން މިރޭ މެންދަމު 1 ޖެހުމާހަމައަށެވެ. މިހާތަނަށް އައިރު ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 1500 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ. މިއީ ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ކާރިސީ ޙާލަތުގައި އޮތުމުން އެހީވުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ އިތުރުން ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށްވެސް އެހީ ފޯރުކޮށްދެވޭނެއެވެ.
ސްރީލަންކާއަށް މިމަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމުގެ އެތައް ބަޔަކަށް ގެއްލުންވެ، އެޤައުމު މިހާރު އޮތީ ކާރިސީ ޙާލަތެއްގައެވެ. ދިވެހި މީޑިއާތަކުން މިފެށި ޓެލެތޯންގެ މަޤްސަދަކީ، މިފަދަ ދަނޑިވަޅެއްގައި އަވަށްޓެރި ޤައުމަކަށް ދިވެހި ރައްޔިތުންގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

