ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބުނު ބޮޑެތި ގެއްލުންތަކަށް އެހީވުމަށް ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން 25،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
ބީއެމްއެލްގެ ފަރާތުން މި ފައިސާ ޓެލެތޯނަށް ހަވާލުކޮށްދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ. މި ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޔާމީން ރަޝީދެވެ.
އެހީ ހަވާލުކުރެއްވުމަށްފަހު ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ލަންކާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ގާއިމުކުރެވިފައިވާ ޤައުމެއްކަމަށާއި، ބޭންކު މެދުވެރިކޮށްވެސް ދެ ޤައުމުގެ ވިޔަފާރިތަކުގެ މެދުގައި މުއާމަލާތްތައް ކުރަމުންދާކަމަށެވެ. އަދި ލަންކާގެ ގިނަ ބައެއްގެ އެކައުންޓުތައް ބީއެމްއެލްގައި ހުޅުވާފައިވުމާއި، ބީއެމްއެލްގެ ޕާޓްނަރުންވެސް ލަންކާގައި ތިބުމުގެ ސަބަބުން، އެ ޤައުމަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވުމަށް ނިންމެވީކަމަށް ޝަރީފް ވިދާޅުވިއެވެ.
“ސިލޯނާއެކު ދިވެހީން” ޓެލެތޯނަކީ ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ 37 މީޑިއާއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޓެލެތޯން މިހާރު ފަށާފައިވާއިރު މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ރަޙުމަތްތެރި ޤައުމެއްކަމަށާއި، އެ ޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާ ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.

