ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޖުމްލަ 200،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. މި ދެ ކުންފުނިންވެސް ވަނީ ވަކިވަކިން 100،000 ރުފިޔާގެ އެހީ ދީފައެވެ.
ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ މި ޓެލެތޯނަށް އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން 100،000 ރުފިޔާ ހަދިޔާ ކުރިއިރު، ވެމްކޯގެ ފަރާތުންވެސް ވަނީ 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. 16 ގަޑިއިރަށް ކުރިއަށްގެންދާ މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖޭގެ ކުންފުނިތަކުގައި ލަންކާއަށް ނިސްބަތްވާ މުވައްޒަފުން ގިނަ އަދަދަކަށް މަސައްކަތްކުރެއެވެ. އެހެންވެ، މި ކުންފުނިތަކުން މި ޓެލެތޯނުގައި ބައިވެރިވެ، އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ލަންކާގެ މި ހިތާމަވެރި ވަގުތުގައި ބައިވެރިވުމުގެ ގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ.
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސް ނަގައިގެން ރާއްޖޭގެ 37 މީޑިއާއާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯން މިރޭ މެންދަމު 1:00ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހައި ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.
މި ޓެލެތޯންގައި މިހާތަނަށް 1.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދި 37,000އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ވަނީ ލިބިފައެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.

