ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގައި، ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) އިން 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާ ހަދިޔާކޮށްފިއެވެ. މި އެހީތެރިކަން ފޯރުކޮށްދިނީ ރޭގެ ވަގުތެއްގައެވެ.
ސްޓެލްކޯގެ ފަރާތުން މި ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހް ރަޝީދެވެ. މި ޓެލެތޯނަކީ އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
29 ގަޑިއިރަށް ކުރިއަށް ގެންދާ މި ޓެލެތޯންގައި މާލެ އަދި ހުޅުމާލޭގެ 15 ސަރަހައްދެއްގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު، މިހާތަނަށް 4.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 41,000 އަށް ވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ. ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޕީއެސްއެމުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
ޓެލެތޯނަށް ބޭނުން ކުރާ އެކައުންޓް ނެމްބަރުތައް ތިރީގައި މިވަނީއެވެ:
ރުފިޔާ އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނެމްބަރު: 7730000796107
ޑޮލަރު އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނެމްބަރު: 7730000796106

