މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މި ހާދިސާގައި އަނިޔާވި މުވައްޒަފަށް ބޭނުންވާ ޚާއްސަ ފަރުވާ ދިނުމަށް މިހާރު ވަނީ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަނިޔާވީ 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަނިޔާވިތާ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
ސްޓެލްކޯއިން ވިދާޅުވީ، އަނިޔާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން، އިތުރު ފަރުވާއަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ ބެންކޮކް ހޮސްޕިޓަލަށް އޭނާ ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާގެ ހާލަތު ރަނގަޅުވެ، އަވަހަށް ސިއްހަތު ރަނގަޅުވުން އެދި އެ ކުންފުނިން ވަނީ ދުޢާކޮށްފައެވެ.

