އެއިޑްސް ބަލި ނައްތައިލުމަކީ ހަމައެކަނި އެއް ގައުމެއްގެ ޒިންމާއެއް ނޫން ކަމަށާއި، މިއީ ހުރިހާ ގައުމެއް ގުޅިގެން ހިއްސާވާންޖެހޭ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހަށް ހާއްސަކޮށްފައިވާ ތީމަކީ “ތުރާތަކުން އަރައިގަނެ، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތް ބަދަލުކުރުން” އެވެ.
ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖެއަށް މިދިޔަ އަހަރު ލިބުނު ބޮޑު ކާމިޔާބީއެއް ފާހަގަކުރައްވާފައެވެ. އެގޮތުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ، ޓްރިޕްލް އެލިމިނޭޝަން ނުވަތަ މަންމައިންގެ ގައިން ދަރިންގެ ގަޔަށް އެޗްއައިވީއާއި ސިފިލިސްއާއި ހެޕަޓައިޓިސް ބީ އެރުން މުޅިން ނައްތައިލެވިފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ރާއްޖެ ހޮވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، “ޓްރިޕްލް އެލިމެނޭޝަންގެ މުހިއްމު މަގުފާހަގަ ދިވެހިރާއްޖެއަށް ހާސިލުކުރެވުން ދައްކުވައިދެނީ އެންމެނަށް ބޭސްފަރުވާއަށް ވާސިލުވެވޭނެ މަގު ފަހިކޮށް، ރަނގަޅު ބޭސްފަރުވާ ހޯދައިދިނުމަށް ދިވެހި ދައުލަތުން ކުރާ މަސައްކަތް ކަމަށެވެ.”
އަދި މި ކާމިޔާބަކީ ހަމައެކަނި ދިވެހި ސަރުކާރުގެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއީ ބޯޑަރުތައް ހުރަސްކޮށް އެކި ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރެވުނު މަސައްކަތާއި، އިލްމު ބަދަލުކުރުމާއި، ގުޅިގެން އެކުއެކީ އީޖާދީ ގޮތެއްގައި ކުރެވުނު ތަފާތު މަސައްކަތްތަކުން ހާސިލުކުރެވުނު ނަތީޖާއެއް ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ 2030 ވަނަ އަހަރަށް އަމާޒު ހިފާއިރު، ހުރިހާ އެންމެން ގުޅިގެން އަދުލުވެރި ގޮތެއްގައި ބޭސްފަރުވާ އެންމެންނަށް ލިބޭނެކަން ކަށަވަރުކޮށް، ބައެއް ބަލިތަކާ ގުޅިފައިވާ ލަދުވެތިކަން ނެތިކޮށްލައި، އެންމެހައި ފަރުދުންގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެއިޑްސް ނައްތައިލުމުގެ މަސައްކަތަކީ ދުނިޔޭގެ އެންމެންގެ ބައިވެރިވުން ލާޒިމްކުރާ ކަމެއްކަން އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ހާމަކުރައްވާފައެވެ.

