މަޝްރޫއުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތަކާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެއްޖެ އެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން 20 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، މަޝްރޫއުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތާއެކު ވެސް ދައުލަތުގެ އާމްދަނީ އިތުރުވެ، ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފައެވެ. މި މުއްދަތުގައި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ ހަރަދުތައް ވަނީ 12.6 އިންސައްތަ ދަށްވެ، 40.1 ބިލިއަން ރުފިޔާއިން 35.1 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރުގެ 9.5 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މިއީ ގާތްގަނޑަކަށް 84 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ. 20 ނޮވެމްބަރާ ހަމައަށް، މި އަހަރަށް ލަފާކުރި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ (39.8 ބިލިއަން ރުފިޔާ) ގާތްގަނޑަކަށް 84 އިންސައްތަ ވަނީ ދައުލަތަށް ލިބިފައެވެ.
ޓެކްސް އާމްދަނީ ވަނީ 8.5 އިންސައްތަ އިތުރުވެ، 23.3 ބިލިއަން ރުފިޔާއިން 25.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ. އިތުރުވުމެވެ. ޖުމްލަ ޖީ.އެސް.ޓީ. އާމްދަނީ 12.0 އިންސައްތަ އިތުރުވެ 13.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓޫރިޒަމް ޖީ.އެސް.ޓީ. ވަނީ 14.2 އިންސައްތަ އިތުރުވެ 9.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ގްރީން ޓެކުހުގެ އާމްދަނީ 107.1 އިންސައްތަ އިތުރުވެ 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕާޗަރ ޓެކްސް ވަނީ 60.5 އިންސައްތަ އިތުރުވެ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޓެކްސް ނޫން އާމްދަނީ ވެސް ވަނީ 17.6 އިންސައްތަ އިތުރުވެ 8.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެއަރޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިން ލިބޭ އާމްދަނީ 150.5 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ރިސޯޓު ބިމުކުލި 2.1 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ޖުމްލަ އާމްދަނީގެ 75.2 އިންސައްތަ ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައެވެ.
ހަރަދުތަކަށް ބަލާއިރު، ރިކަރަންޓް ހަރަދުތައް ކުޑަ މިންވަރަކަށް އިތުރުވެ، 29.2 ބިލިއަން ރުފިޔާއިން 30.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރޭގައި މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރާ ހަރަދުތައް 6.6 އިންސައްތަ އިތުރުވެ 12.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޕޭ ހާމަނައިޒޭޝަން ފަދަ ސިޔާސަތުތަކުގެ ސަބަބުން އައި ބަދަލެކެވެ.
ކެޕިޓަލް ހަރަދުތައް ވަނީ 53.7 އިންސައްތަ ދަށްވެ، 10.9 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މި ދަށްވުމަކީ ބޮޑެތި މަޝްރޫއުތަކަށް އަލުން އިސްކަންދީ، އެ މަޝްރޫއުތައް ރަނގަޅަށް ތަރުތީބުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން އައި ބަދަލެކެވެ. ނޮވެމްބަރު 20 ގެ ނިޔަލަށް، އޯވަރޯލް ބެލެންސް ހުރީ 1.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި ޕްރައިމަރީ ޑެފިސިޓް ހުރީ 2.6 ބިލިއަން ރުފިޔާގެ ސަރޕްލަސް އެއްގައެވެ.

