ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. މި އިޞްލާޙު ރައީސް ފާސްކުރެއްވީ 2025 ވަނަ އަހަރުގެ ނޮވެންބަރު 27 ގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޤާނޫނު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، އެއަށް ޢަމަލުކުރަން ފަށާފައެވެ.
މި އިޞްލާޙުގެ ސަބަބުން، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުޠު ހަމަވާ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. ރަށު ކައުންސިލްތައް ޖަވާބުދާރީވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ރަށެއްގެ ރައްޔިތުންނަށެވެ.
ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ބަދަލު އައިސްފައިވާ ގޮތަށް ބަލާއިރު، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށު ކައުންސިލަށް 3 މެންބަރުން (އަންހެން 1 މެންބަރު) އިންތިޚާބުކުރެވޭނެއެވެ. އަދި 2000 އަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ރަށު ކައުންސިލަކަށް 5 މެންބަރުން (އަންހެން 2 މެންބަރު) އިންތިޚާބުކުރެވޭނެއެވެ.
މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދާ އެއް ޢަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް (ޖުމުލަ 8 އަވަށް) 1 ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. ސިޓީ ކައުންސިލްގެ އިންތިޚާބުތަކުގައި އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުޞޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުންނެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އެކުލެވިގެންވާ ގޮތަށްވެސް ބަދަލު އައިސްފައިވެއެވެ. އެގޮތުން، ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިޚާބުކުރާ ފަރާތެއްކަމަށާއި، އަދި އެއީ ފުލްޓައިމް މެންބަރެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރު ހިމެނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާނެ ގޮތްތަކުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އަމިއްލައަށް އެ ޕާޓީގެ މެންބަރުކަމުން ވަކިވުން ނުވަތަ އެހެން ޕާޓީއެއްގައި ރަޖިސްޓަރީވުން ހިމެނެއެވެ. ހަމައެހެންމެ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވުމަށްފަހު އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވުންވެސް މަޤާމުން ވަކިވާނެ ސަބަބެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި އިޞްލާޙާއެކު، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ ނިޒާމުގެ ބައެއްގެ ގޮތުގައި އިދާރީ ދާއިރާތައް ހިންގުމަށް އަތޮޅު ކައުންސިލުތައް އުފެއްދުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލާޒިމްކުރާކުރުން ވަނީ އުވާލާފައެވެ. އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭ ކަންކަން ތަންފީޒުވާނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައެވެ. އަދި އަލަށް އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ފެށެންދެން މިހާރު އޮތް އަތޮޅު ކައުންސިލްތައް ދެމިއޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

