އެމްޓީސީސީގެ “ކަށަވަރު ޕްރޮމޯ 2025″، ކަށަވަރު ޝޯރޫމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްފިއެވެ. މި ޕްރޮމޯ ފައްޓަވައިދެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސާ ސިނާން އަލީއެވެ. މި ހަފްލާގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޓީސީސީގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެ ކުންފުނީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ.
މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ލިބޭ އުފެއްދުންތަކުގެ ތެރޭގައި ސުޒުކީ އަދި ޔަންމާ އިންޖީނާއި، ޕީޕީޖީ، ކާސްޓްރޯލް، އިންޑަސްޓްރިއަލް ގޭސް، ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ނަކަޝީމާ ޕްރޮފެލާ ހިމެނެއެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، މި އިންޖީނާއެކު ހަދިޔާ ޕެކޭޖެއްވެސް ގުރުއަތުން ހޮވޭ ފަރާތަށް ލިބިގެންދާނެއެވެ.
ކަށަވަރު ޕްރޮމޯ އަމާޒުކޮށްފައި ވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ.
މި ޕްރޮމޯޝަން މުއްދަތުގައި ރާވާފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ގއ.، ގދ. އަދި ށ. އަތޮޅަށް ޒިޔާރަތްކުރުމާއި، ކ. އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑްތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން ހިމެނެއެވެ. އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމެވެ.

