ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކުރުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ "ކްރިސްޓޮބަލް ކޮލޮން" ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފެށުމާއެކު މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރެއްވުމަށް ބިޔަ ޑްރޭޖަރުތަކެއް ގެނައުމަށް ސަރުކާރުން ހަމަޖެއްސެވިކަން ހާމަކުރެއްވީ މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އޭގެތެރެއިން ދެ ޑްރެޖަރެއް ގެނެސްގެން މަސައްކަތް ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހާމަކުރެއްވި ގޮތުގައި، ކްރިސްޓޮބަލް ކޮލޮން އަކީ ރާއްޖެ ގެނެވުނު ތިންވަނަ ޑްރޭޖަރެވެ. މި ޑްރޭޖަރުގެ ސަބަބުން މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް ހޭދަވާނެ މުއްދަތު ވަރަށް ބޮޑަށް ކުރުވެގެންދާނެއެވެ.
ރަސްމާލެއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ އުއްމީދީ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ، ދުނިޔޭގެ ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަށެކެވެ. މި މަޝްރޫޢު ހަލުއިކުރަމުންދާއިރު، ސަރުކާރުން ދަނީ މާލެ ސަރަޙައްދުގައި ހިމެނޭ ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވަމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއްވެސް މިހާރު ދަނީ އެކި މަރުޙަލާތަކުގައި ކުރިއަށްދަމުންނެވެ.
ބިން ހިއްކުމުގެ މަސައްކަތްތައް ހަލުއިކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވައުދަކީ ފުރިހަމަކުރުމެވެ. އެއީ މި ސަރުކާރުގެ ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދެއްވުމުގެ ވައުދެވެ. މި ބިޔަ ޑްރޭޖަރު ބޭނުންކޮށްގެން ރަށް ހިއްކުމުގެ މަސައްކަތް ހަލުއިކުރެއްވުމަކީ، ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

