ދެހާސް ހަތާވީސް ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެހާސް ހަތާވީސް ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމްގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ ޔުނިފޯމްގެ އަގު ހެޔޮކޮށް، ޔުނިފޯމް ވިއްކުމުގައި އޮންނަ މޮނޮޕޮލައިޒްކުރުން ހުއްޓުވުމެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ސަރުކާރުގެ ސްކޫލްތަކަށް ހަތަރު ކުލައެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ ގައުމީ ދިދައިގެ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާ އަދި ހުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ ކަމުގައިވާ ނޫކުލައެވެ. މި އުސޫލުގެ ދަށުން ސްކޫލްތަކަށް އެމީހުން ބޭނުންވާ ކުލައެއް ހަތަރު ކުލައިގެ ތެރެއިން ހޮވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމެވީ އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އާ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް، މި ބަދަލާއެކު ސްކޫލްތަކުގެ ތެރެއިން 90 އިންސައްތަ ސްކޫލުގެ ޔުނިފޯމް ބަދަލުކުރަން ނުޖެހޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އާ ޕޮލިސީގެ ދަށުން ދަރިވަރުންގެ ޔުނީފޯމުގެ މަތީ ބައި ނުވަތަ ގަމީސް، ސްކޫލްތަކުން ހަމަޖައްސާފައިވާ ކުލަޔަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންނަމަވެސް ޔުނީފޯމުގެ ތިރީ ބައި ނުވަތަ ފަޓުލޫން ހުންނަންވާނީ ކަޅު ނުވަތަ ނޫ ކުލައިގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝަފީއު އިތުރަށް ވިދާޅުވިއެވެ: “ސްކޫލަކުން ނިންމަންވީ، އެ ސްކޫލެއްގެ ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލައޭ. އެގޮތަށް ޔުނީފޯމްގެ ތިރިން ލާން ވެސް ދެ ކުލައިގެ ތެރެއިން ކުލައެއް ބޭނުން ކުރެވޭނެ،”
މި އުސޫލާއެކު އަންހެން ދަރިވަރުންގެ ޔުނީފޯމަށް ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން އަންހެން ދަރިވަރުންނަށް ޔުނިފޯމް އެޅުމަށް ގިނަ އޮޕްޝަންތަކެއް ލިބިގެންދާނެއެވެ. ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް މިހާރު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޫލްތަކުގެ ރަސްމީ ޔުނިފޯމަށް 2027 އިން ފެށިގެން މި އަންނަ ބަދަލުތަކާއެކު ސްޕޯޓްސް ޔުނިފޯމަށް ވެސް ކުދި ބަދަލުތައް އަންނާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

