ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ޕުރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ މ. ފެހިވިދުވަރުގެ، އިސްމާއިލް ޝަމްއޫން އާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ސޯލިހުގެ މައްޗަށެވެ.
އެ ދެމީހުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، މަރްޔަމް ދީނާ ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި އަދި ޝަމްއޫން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ހެޑުގެ ގޮތުގައި ހުރެ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައެވެ.
މި ނާޖާއިޒު ފައިދާ ނަގާފައިވަނީ ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރާއި، ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގެ ތެރޭގައެވެ. އެގޮތުން، ކެއިރެޓްސޫ ކުންފުނިން ފެނަކަ އަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި މި ދެމީހުން ވަނީ އެމީހުންގެ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައެވެ.
މި ކުށް ސާބިތުވެއްޖެ ނަމަ، އަސާސީ އަދަބެއްގެ ގޮތުގައި އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެއެވެ.

