މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު މަތީގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައި، ދެ ފިރިހެނަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 18:35 ހާއިރު ލިބުނު ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލްގައި ތިބި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަނިޔާވި ދެ މީހުންނަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވާއިރު، ދެ މީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިނިސްޓަރު އިހުސާންގެ އަމިއްލަ ކާރުކޮޅުގައެވެ. އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގި ސަރަހައްދުގައި އިހުސާންގެ ކާރު މަޑުކޮށްގެން އޮތް ތަން ފެނިފައިވާއިރު، އިހުސާން ކާރުން ފައިބައިވަޑައިގެން އަނިޔާވި މީހުން ކާރަށް އެރުމަށް އެންގެވި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފުލުހުން ވިދާޅުވީ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެންމެން ވެސް މަގުމަތީގެ ސަލާމަތަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

