އާރްޑީސީ (ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އިން ހިންގާ ބިނާވެހި ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 04 ވަނަ ބެޗަށް ތިން ބައިވެރިން މަރުޙަބާ ކިޔައިފިއެވެ. މި ތިން ބައިވެރިން ވަނީ އިންޑަސްޓްރީގެ ތަޖުރިބާ އިތުރުކޮށް، އެމީހުންގެ ޕްރޮފެޝަނަލް ކުރިއެރުވުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ހަ މަސް ދުވަހުގެ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.
ބިނާވެހި ޕްރޮގްރާމަކީ، ސާނަވީ އިމްތިހާނަށް ފަހު މަތީ ސާނަވީ ތައުލީމު ފެށުމާ ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށް ފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުވަތަ ތައުލީމު ދޭ މަރުކަޒުތަކަށް ހާޟިރުނުވާ ފަރާތްތަކަށް، އެކި ދާއިރާތަކުގެ މާހިރުންނާއެކި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.
އާރުޑީސީން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ އިތުރު އެއް މަގްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުތުމުގެ ކުރިން އެ ދާއިރާއެއްގެ ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މިއީ ޒުވާނުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު މަސައްކަތެކެވެ.
ބިނާވެހި ޕްރޮގްރާމްގެ ބައިވެރިންނަށް މަސައްކަތް ކުރެވޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އަދި އެޗް.އާރ ހިމެނެ އެވެ. މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، އަދި ޕަބްލިކް ރިލޭޝަންސް ފަދަ ދާއިރާތަކުގައި ވެސް ބައިވެރިންނަށް ތަމްރީނު ލިބިގެންދާނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން މި ބައިވެރިންނަށް އިންޑަސްޓްރީގެ ތަފާތު ދާއިރާތަކުގެ ފުރިހަމަ ތަޖުރިބާ ލިބިގެންދާނެއެވެ.

