ސީއީއޯ ހަލީމް ވިދާޅުވި ގޮތުގައި ބެރިއަޓްރިކް ސާޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް، އާދަޔާ ހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެކެވެ. މި އޮޕެރޭޝަންތަކުގެ ސަބަބުން ބަލިމީހާއަށް ރަނގަޅު ސިއްހަތެއް ލިބި، ނަފްސާނީ ދުޅަހެޔޮކަން ރަގަޅުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ، ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދެއެވެ.
މި ސާޖަރީގެ އެންމެ ބޮޑު އެއް ފައިދާއަކީ، ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހި، އެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވުމެވެ. އޭގެ ތެރޭގައި ޓައިޕް ޓޫ ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުން ހިމެނެއެވެ. ހަލީމް ވިދާޅުވީ، “މިއަދު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ހިދުމަތް ގާއިމްވެގެން ދިއުމަކީ އެ ދެންނެވެނު ބަލިތަކަށް ޒަމާންތަކެއްވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަން ޔަގީން.”
މި މުހިންމު ހިދުމަތް ސަރުކާރުގެ ހޮސްޕިޓަލެއްގައި ފެށުމަށްޓަކައި، ސާޖަރީ ޑިޕާޓްމަންޓުގެ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ސީއީއޯ ހަލީމް ވަނީ މި މަސައްކަތް ކާމިޔާބުވުމުގައި އެހީތެރިވި ހޮސްޕިޓަލުގެ ސަރޖަނުންނާއި، ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް އަދި ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. ހާއްސަކޮށް، ރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސާޖަން، ޑރ. އަޒްނާގެ ނަން ފާހަގަކުރައްވާ މަރުޙަބާ ދަންނަވާފައިވެއެވެ.
ހަލީމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްގީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީހެއްގައި އެ ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކެއް ކަމަށެވެ. މި ހިދުމަތް ފެށުމާއެކު، ހަށިގަނޑުގެ ބަރުދަން މަތިވެގެން އުޅޭ އެތައް ބަޔަކަށް ރާއްޖެއިން ބޭރަށް ދާން ނުޖެހި ފަރުވާ ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.

