ލަންކާއަށް އެހީވުމަށް ދިވެހިން އެއްކުރި އެހީތެރިކަމުގެ އަދަދު 2.4 މިލިޔަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ލަންކާއަށް އެހީވުމަށް ޕީއެސްއެމްއާއި މީޑިއާތައް ގުޅިގެން ބޭއްވި ޓީވީ ޓެލެތޯންއަށް ލިބުނު ފައިސާ، ޚާރިޖީ ވުޒާރާއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢަބްދުﷲ ޚަލީލް ފާހަގަކުރެއްވީ، ޕީއެސްއެމްއިން އިސްނަގައިގެން މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދަކުން ފައިސާގެ އެހީތެރިކަން ލިބުމުން، ލަންކާއާ މެދު ދިވެހިން ގެންގުޅޭ އުޚުއްވަތްތެރިކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އަވަށްޓެރި ޤައުމުތަކުން އެހީއަށް ގޮވާލާ ކޮންމެ ފަހަރަކު ދިވެހިން އެހީވާނެކަން މިކަމުން ސާބިތުވެއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ލަންކާއަށް ދިމާވި ދަތި ދަނޑިވަޅާއި ގުޅިގެން އެންމެ ފުރަތަމަ އެހީތެރިކަން ދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ލަންކާއަށް ބޮޑު އެހީތެރިކަމެއް ދެއްވުމުން، އެމަނިކުފާނު ސާބިތުކޮށްދެއްވީ ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، އަވަށްޓެރިންނަށް ދިމާވާ ކަންކަމުގައި އެހީވާނެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ.
ޓީވީ ޓެލެތޯންގެ އިތުރުން ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކުންވެސް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޖުމުލަކޮށް ދިވެހިންގެ ފަރާތުން އެ ޤައުމަށް ދޭ އެހީގެ އަދަދު 2.4 މިލިޔަން ޑޮލަރަށްވުރެ ގިނަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ މި އެހީތެރިކަމުން ދައްކުވައިދެނީ ލަންކާއަކީ ދިވެހިންގެ ދެވަނަ ގެދޮރު ކަމާއި، ދިވެހިން އެއްބަނޑު އެއްބަފައި ބައެއްގެ ގޮތުގައި ލަންކާގެ ރައްޔިތުން ބަލައިގަންނަ ކަމެވެ. “މިއަދު މި ދައްކުވައިދިނީ ލަންކާއަކީ ދިވެހިންގެ ދެވަނަ ގެދޮރުކަން. ދިވެހިން އެއްބަޑު އެއްބަފައި ބައެއްގެ ގޮތުގައި ލަންކާގެ ރައްޔިތުން ބަލައިގަންނަކަން.” ވަޒީރު ވިދާޅުވިއެވެ. ޓެލެތޯނަށް ލިބުނު ފައިސާ މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ލަންކާގެ ސަރުކާރާ ޙަވާލުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގެ މީޑިއާތައް ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންގޮސްފައިވާއިރު، ސަރުކާރުގެ ފަރާތުން ވަނީ ލަންކާއަށް އެހީވުމަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ފޯރުކޮށްދީފައެވެ.

