ހައުސިން ޑީވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ހާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް ވަޒީފާ ދީފިއެވެ.
މި ވަޒީފާތަކުގެ ލިޔުން ހަވާލުކުރުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފައިވާއިރު، ލިޔުންތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. މިއީ މުޖުތަމައުގައި ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ މުހިންމު ފިޔަވަޅެކެވެ.
އެޗްޑީސީން ބޭއްވި މި ރަސްމިއްޔާތުގައި 30 ފަރާތުގެ ތެރެއިން 25 މީހަކަށް ވަޒީފާގެ ލިޔުން ހަވާލުކުރެވުނެވެ. ޖަލްސާއަށް ވަޑައިނުގެނެވުނު ފަރާތްތަކަށް ލިޔުން ފަހުން ހަވާލުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ވަޒީފާ ލިބުނު ފަރާތްތަކުގެ ތެރޭގައި އާދަމް އައްބާސް، މުހައްމަދު މަޝާއިލް މަޖީދު، ނަސްރުﷲ މުހައްމަދު ފުޅު، އާމިނަތު އަލިދީދީ އަދި އަހުމަދު ނިޔާޒް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވަރަށް ހުނަރުވެރި އަދި ގާބިލް ބައެއް ކަމަށެވެ. އަލީ ޒުހައިރު ފާހަގަކުރެއްވި ގޮތުގައި ފުރުސަތު ދެވިއްޖެނަމަ އެފަރާތްތަކަކީ މުޖުތަމައުގައި ވަރަށް މުހިންމު ހިއްސާއެއް އަދާކުރާނެ ބައެކެވެ. “މިކަން އަޅުގަނޑުމެންވާނީ ވަރަށް ކައިރިން ތަޖުރިބާ ކުރެވިފަ،” ޒުހައިރު ވިދާޅުވިއެވެ.
އަލީ ޒުހައިރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި އެނޫންވެސް އެހެން ފުރުސަތުތައް ފަހިކޮށްދީގެން އެފަރާތްތަކަކީ މުޖުތަމައުގައި ބޭނުންތެރި ފަރާތްތަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތާއި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ސަރުކާރަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ. އަދި މި 30 ފަރާތަށް ވަޒީފާ ދިނުމުގެ މަގްސަދަކީ ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިދޭނެ މާހައުލެއް ގާއިމުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަލީ ޒުހައިރު އިތުރަށް ވިދާޅުވީ، މިހާރުވެސް އެޗްޑީސީގެ އެކި ޑިޕާޓްމަންޓުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ގިނަ ބޭފުޅުން ވަޒީފާ އަދާކުރައްވަމުން ގެންދަވާ ކަމަށާއި، ވަޒީފާ ދިނުމާއި ވަޒީފާގެ މާހައުލުގައިވެސް އެހެން މުވައްޒަފުންނާ އެއްވެސް ތަފާތުކުރުމެއް އެޗްޑީސީން ނުގެންގުޅޭ ކަމަށެވެ. މި 30 ފަރާތަށް ވަޒީފާ ދިނުމުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ކުންފުނިން އުއްމީދުކުރެއެވެ.

