ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރެއްވުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާތީ، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ، 1 ޑިސެންބަރު 2025 ވީ ހޯމަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ފިސްކަލް ޒިންމާގެ މިންގަނޑުތައް ހަރުދަނާކޮށް، ދައުލަތުގެ މާލީ އިދާރާތަކުގެ ޒިންމާދާރުކަން އިތުރުކުރުމެވެ.
މި އިޞްލާޙުގައިވާ ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ. މިއީ ދައުލަތުގެ މާލީ ކަންކަން ހިންގުމުގައި އިތުރު ހަރުދަނާކަމެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަދި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށްފަހު ތަންފީޒުކުރަންޖެހޭ ކަންކަމާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްތައް (ޕީ.އެސް.އައި.ޕީ) ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާއަށް އެ މުއްދަތުގެ ތެރޭގައި ޢަމަލުކުރުން ލާޒިމް ނޫންކަމަށް ވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅާފައެވެ. މި ބަދަލުގެ ސަބަބުން، ޗާޓަރު އެކުލަވާލުމަށް ދެ އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.
މި އިޞްލާޙު ތަޞްދީޤުކުރެއްވުމާއެކު، ދައުލަތުގެ މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިތުރު ޒިންމާދާރުކަމާއި ހާމަކަމެއް ޤާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.

