ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ މައުލޫމާތު އެއްކުރުމަށްޓަކައި، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ޚާއްސަ ސާރވޭއެއް ކަމަށްވާ “މޯލްޑިވްސް ވިޒިޓަރ ސަރވޭ” ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިންނެވެ. މި ސާރވޭ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މޯލްޑިވްސް ވިޒިޓަރ ސަރވޭއަކީ، ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހިންގާ “އެގްޒިޓް ސަރވޭ” އެކެވެ. މި ސާރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް (ޖިންސާއި، އުމުރު ފަދަ މައުލޫމާތު)އާއި، ރާއްޖޭގައި ކުރި ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ހިދުމަތްތަކާއި ބެހޭގޮތުން ފަތުރުވެރިން ދެކޭ ގޮތާއި ގުޅޭ މުހިންމު މައުލޫމާތުތައް އެއްކުރެވޭނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ މައުލޫމާތުތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ކުރިއެރުވުމަށްޓަކައި، ދެނެގަނެވޭ މައުލޫމާތުތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ މުހިންމު ބާރުތަކެކެވެ. މީގެ އިތުރުން، ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވާދަވެރިކަން ވަރުގަދަ ކުރުމުގައިވެސް މި ސަރވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ސާރވޭ ފަށާފައި މިވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރަމުންދާ ދަނޑިވަޅެއްގައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިއަހަރުގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 2،014،358 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު ޢަދަދެކެވެ.

