ރާއްޖޭގެ ޒަކާތުގެ ނިޒާމު ޒަމާނީ ހަމަތަކާއި އޮނިގަނޑަކާއެކު ހަރުދަނާ ކުރުމަށްޓަކައި އެކުލަވާލި ފުރަތަމަ ޒަކާތުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވީ އޮގަސްޓް 11 ވަނަ ދުވަހު ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ. ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ.
ޒަކާތުގެ ބިލުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި، އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ. އަދި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމަކީވެސް ބިލުގެ މަޤުޞަދެކެވެ.
މީގެ އިތުރުން، ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ އުޞޫލުތައް ކަނޑައެޅުމާއި، އެ ފައިސާ ބެހުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ބިލުގެ މަޤުޞަދެކެވެ.
މި ބިލު ޤާނޫނަކަށްވުމުން ރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާ ގުޅޭ ސިޔާސަތުތައް ޢާންމުކޮށް، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ޢާންމު އިރުޝާދާއި ލަފާދިނުން ހިމެނެއެވެ.
ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި، ޒަކާތު ހައުސްއަށް ލަފާދިނުމަށް ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ. މި ކައުންސިލްގައި ވަޒީރާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ހިމެނޭ ގޮތުން ޖުމުލަ 9 މެންބަރުން ހިމެނޭނެއެވެ.

