ރާއްޖޭގެ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 ވަނަ އަހަރުން ފެށިގެން ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތަކުގެ ނަމޫނާއާއި، ޔުނިފޯމު ހުންނަންވާ ގޮތުގެ އުސޫލުތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުރިހާ ސްކޫލްތަކަކަށް ފޮނުވާފައެވެ. މި ބަދަލުތައް ގެނައުމުގެ މަގުސަދަކީ ޔުނިފޯމާ ގުޅޭގޮތުން ސްކޫލްތަކާއި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ޔުނިފޯމާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، މި ބަދަލުތަކަށް ސްކޫލްތަކަށް ތައްޔާރުވުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށް ފަހު، 2027 ވަނަ އަހަcރުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. މި އުސޫލުގެ ދަށުން، ޔުނިފޯމް އެއްގޮތްކުރުމަށް ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ޓީގްރީން، ލައިޓް ރެޑް، އަދި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ކުލަ ކަމަށްވާ ސްކައި ބްލޫ ކުލައެވެ.
ރަސްމީ ޔުނިފޯމަށް ގެނެވޭ މައިގަނޑު ބަދަލުތައް
ރަސްމީ ޔުނިފޯމުގެ މަތީބަޔަށް (ގަމީސް) ހުދު، ސްކައި ބްލޫ، ޓީލް ގްރީން ނުވަތަ ލައިޓް ރެޑް ކުލަ ބޭނުންކުރެވޭނެއެވެ. ފަޓުލޫނު، ސްކާޓް ނުވަތަ ސޯޓު ހުންނަން ޖެހޭނީ ކަޅު ނުވަތަ ނޭވީ ބްލޫ ކުލައިންނެވެ. ބުރުގާ އަޅާ ދަރިވަރުންނަށް ޔުނިފޯމު ކުލައިގެ ގަދަ ކުލައެއް (ނޭވީ ބްލޫ، ރޯޔަލް ގްރީން، ޑާކް ރެޑް) ނުވަތަ ހުދު ކުލަ، ނުވަތަ ފަޓުލޫނު/ސްކާޓް ކުލައާ ގުޅޭ ބުރުގާ ބޭނުންކުރުމުގެ ހުއްދަ ދީފައިވެއެވެ.
އަންހެން ދަރިވަރުންގެ ގަމީހުގެ ދިގުމިން ހުންނަންވާނީ ފޫކޮޅު ފޮރުވި، އެއަށްވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ. ސްކާޓް ހުންނަންވާނީ ކަކުލުން ދެ އިންޗި ތިރިއަށެވެ. ސްކާޓްލާ ދަރިވަރުން ހަރުވާޅުލުން ލާޒިމުކޮށްފައިވާއިރު، ފަޓުލޫނުލާ އަންހެން ދަރިވަރުންނަށް ބެގީ ކުރުން ހުއްދަ ނުވާނެއެވެ. ފިރިހެން ދަރިވަރުންގެ ތެރެއިން ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 ގެ ދަރިވަރުން ރަސްމީ ޔުނިފޯމާއެކު ކަކުލުން ތިރިއަށް ހުންނަ ވަރުގެ ސޯޓު ލުމަށް ވަނީ ހުއްދަ ދީފައެވެ.
އެކްޓިވިޓީ ޔުނިފޯމުގެ އުސޫލުތައް
އެކްޓިވިޓީ ޔުނިފޯމުގެ ޓީޝާޓުގެ ކުލައަކަށް ފެހި، ރަތް، ނޫ ނުވަތަ ސްކޫލުން ބޭނުންކުރާ ކުލައެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފަޓުލޫނު ނުވަތަ ސްކާޓް ހުންނަން ޖެހޭނީ ކަޅު ކުލައިންނެވެ. ޓީޝާޓު ހުންނަންވާނީ ޖާޒީ ނުވަތަ ޕީކް ފެބްރިކުން ތައްޔާރުކޮށްފައެވެ. އަތް ދިގުނަމަ، ޓީޝާޓުގެ ދިގުމިން ހުންނަންވާނީ ކޮޅަށް ހުންނައިރު އަތުގެ ކުޑަހުޅާ ހަމައަށެވެ. އަތް ކުރު ޓީޝާޓު ލާނަމަ ގިރުވާން އިންނަން ޖެހޭނެއެވެ.
އެކްޓިވިޓީ ސްކާޓް ހުންނަންވާނީ ކަޅު ކުލައިގެ ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ކަކުލާ ހަމައަށް ހުންނަ ސްކާޓެކެވެ. ކީ ސްޓޭޖް 1 ގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެއެވެ.
ބެޖާއި ޓައީ ބޭނުންކުރުން
ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންގެ ބެޖު ޔުނިފޯމުގެ ޖީބުގައި ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ. ކީ ސްޓޭޖް 3 އަދި 4 ގެ ދަރިވަރުން ޔުނިފޯމާއެކު ޓައީ އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. ނަމަވެސް ކީ ސްޓޭޖް 5 ގެ ދަރިވަރުންނަށް ޓައީ އަކީ ޔުނިފޯމުގެ ބައެކެވެ. ޓައީގައި ސްކޫލުގެ ބެޖު ޖަހާފައި ހުންނަން ޖެހޭނެއެވެ. ޕްރިފެކްޓަކަށް ހޮވުނު ނަމަވެސް ޔުނިފޯމަށް އެއްވެސް ބަދަލެެއް ނާންނާނެއެވެ؛ އެކުދިން ބޭނުންކުރާނީ ޓައީއެކެވެ. ސްކޫލު ކެޕްޓަން، ޑެޕިއުޓީ ކެޕްޓަން ވެސް ހިމެނެނީ މި އުސޫލުގެ ތެރޭގައެވެ.

